23 Dec 2013, 11:19
ޗެލްސީގެ ސެނެގާލް ފޯވާޑް ޑެންބާ ބާ އަންނަ ޖެނުއަރީ ޓްރާންސްފާގައި އާސެނަލްއަށް ބަދަލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.
ސަމާ ޓްރާންސްފާގައި ވެސް އާސެނަލް އިން ބާ ގެންދަން މަސައްކަތް ކޮށްފައިވާއިރު ރިޕޯޓުތައް ބުނާގޮތުން ޖެނުއަރީ ޓްރާންފާގައި އާސީން ވެންގާ އޭނާގެ ޓީމު ވަރުގަދަކުރުމަށް ގެންގުޅޭ ލިސްޓުގައި އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ބާ ހިމެނެ އެވެ.
އެހެން ނަމަވެސް ނިއުކާސަލްއާއި ވެސްޓްހެމް އަށް ކުރިން ކުޅުނު ފޯވާޑް ބުނެފައިވަނީ، އާސެނަލް އިން އޭނާ ގެންދަން އުޅޭކަން އޭނާއަށް އެނގިފައި ނުވާކަމަށާއި އަދި ޗެލްސީ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވުމުގެ ވިސްނުން ނެތްކަމަށެވެ.
"މީހުން ދައްކާ ވާހަކައެއް އެއީ އަހަރެން އާސެނަލްއަށް ބަދަލުވާން އުޅޭ ވާހަކަ. އެކަމަކު އާސެނަލް އިން އެފަދަ ހުށަހެޅުމެއް އަހަންނާ ހަމައަށް އަދި ލިބިފައެއް ނެތް،" ދަ ސަން ގައި ބާ އާއި ހަވާލާދީ ލިޔެފައިވެ އެވެ. "އެފަދަ އެއްވެސް ކަމެއް ނުހިނގާ އަދި އަހަރެން މިވަގުތު ޗެލްސީގައި މިހުރީ ވަރަށް އުފަލުން."
ބާ އިތުރަށް ބުނީ އޭނާ މިވަގުތު މަސައްކަތްކުރަމުން ގެންދަނީ ޗެލްސީގެ ފުރަތަމަ އެގާރައިން ދާއިމީ ޖާގައެއް ހޯދުމުގެ މަސަކަތް ކަމަށާއި އަދި ސެމުއެލް އެޓޫ އާއި ފެނާންޑޯ ޓޮރޭޒް މިވަގުތު އިންޖަރީގައި ހުރުމުން އޭނާއަށް ދަނޑުމަތީގައި ލިބޭ ފުރުސަތުތައް ގިނަ ކަމަށެވެ.
ޖެނުއަރީ ޓްރާންފާގައި އުމުރުން 28 އަހަރުގެ ސެނެގާލް ފޯވާޑް ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކްލަބު ތަކުގެ ތެރޭގައި އިޓަލީގެ އިންޓަ މިލާން ވެސް ހިމެނެއެވެ.