މި މަހުގެ16 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި "އެންޓި ޓޯޗާ ބިލު 2013" ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ. ތަސްދީގުކުރުމާ ގުޅިގެން، އެ ގާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ޝާއިއުކޮށްފަ އެވެ.

އެންޓި ޓޯޗާ ގާނޫނަކީ، ދިވެހިރާއްޖޭގައި ޓޯޗާކުރުން މަނާކުރުމާއި ހުއްޓުވުމާއި، ރަޙުމްކުޑަ، ލާއިންސާނީ، އިހާނެތި އަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބު ދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ މައިގަނޑު ސިޔާސަތުތަކާއި އުސޫލުތައް ބަޔާންކުރުމާއި، އެފަދަ އަދަބުދޭ ފަރާތްތަކާއި އެފަދަ ޢަމަލު ހިންގާ ފަރާތްތަކުން އެކުރާ ކަންކަމަކީ ކުށްކަމުގައި ކަނޑައަޅައި، އެފަރާތްތަކަށް އަދަބުދިނުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެކެވެ.

އެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި، ޓޯޗާއިން މިނިވަންވެގެންވުން އެއީ، ދިވެހިރާއްޖޭގައި ހަމަ ކޮންމެ މީހަކަށްމެ ލިބިގެންވާ މުތުލަގު ހައްގެއް ކަމާއި، އިންސާނީ ކަރާމާތަށް ހުރިހާ ހާލަތެއްގައި ވެސް ހަމަ އެންމެންމެ އިހުތިރާމް ކުރަންޖެހޭނެކަމާއި، އެ އިންސާނީ ކަރާމާތަށް ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމާއި، ޓޯޗާގެ ކުށް އެއީ ދިވެހިރާއްޖޭގައި، އޭގެ ޒާތުގައި، ވަކި ކުށެއް ކަމަށް ކަނޑައެޅުމާއި އަދި އެ ކުށުގެ އަދަބު ކަނޑައެޅުން ހިމެނެ އެވެ. އަދި އެ ގާނޫނުގައި ޖިނާއީ އެހެން ކުށްކުށާއި ޖިނާއީ އެހެން ގާނޫނުތަކާއި މި ގާނޫނާ ހުރި ގުޅުން އެކަށައަޅައިދީފައިވެ އެވެ. އަދި ޓޯޗާކުރެވޭ ފަރާތްތަކަށް ލިބުނު ގެއްލުމުގެ އިންސާފުވެރި ބަދަލު ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ވެސް މިޤާނޫނުގެ މަގުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ހިއުމަން ރައިޓްސް ކޮމިޝަނަށް، ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު ގެ ދަށުން ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ އިތުރުން، މި ޤާނޫނުގެ ދަށުން ދިވެހި ރާއްޖޭގައި ޓޯޗާކުރުމާ ދެކޮޅަށް މަސައްކަތްކުރުމާއި، އެކަންކަން ރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކުރުމާއި، މިގާނޫނުގެ ދަށުން ކުށްކަމުގައި ކަނޑައަޅާފައިވާ ޢަމަލުތައް ރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ހުރިހާ ބާރު ކޮމިޝަނަށް މި ޤާނޫނުން ލިބިދެ އެވެ.
އަދި މި ގާނޫނާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުގެ ތެރެއިން، ޓޯޗާކުރުން މަނާކުރުމާއި ހުއްޓުވުމާއި، އަދި އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ އެހެނިހެން ބައިނަލްއަޤްވާމީ މުއާހަދާތަކަށް އަމަލުކުރުމުގެ ބޭނުމަށްޓަކައި، ރާއްޖޭގައި ގާއިމުކުރެވޭ ނޭޝަނަލް ޕްރިވެންޓިވް މެކެނިޒަމްއަކީ، ކޮމިޝަން ކަމުގައި މި ގާނޫނުން ކަނޑައަޅައި، އެމަސްއޫލިއްޔަތު ވަނީ ހިއުމަން ރައިޓްސް ކޮމިޝަނާ ހަވާލުކޮށްފަ އެވެ.
އަދި ދިވެހި ދައުލަތުން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުޢާހަދާތަކުގެ ތެރެއިން، މަދަނީ އަދި ސިޔާސީ ހައްގުތަކުގެ ބައިނަލްއަގުވާމީ މުއާހަދާއާއި، ކުޑަކުދިންގެ ހައްގުތަކުގެ ބައިނަލްއަގުވާމީ މުއާހަދާއާއި، އަންހެނުންނާ ދެކޮޅަށް ކުރެވޭ ހުރިހާ ބާވަތެއްގެ ތަފާތުކުރުންތަކެއް ނައްތާލުމުގެ ބައިނަލްއަގުވާމީ މުޢާހަދާއާއި، އަނިޔާކުރުމާއި ޓޯޗާކުރުން މަނާކުރުމާއި ހުއްޓުވުމާއި، ރަޙުމްކުޑަ، ލާއިންސާނީ، އިހާނެތި ޢަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ އެހެނިހެން ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކާއި ގަރާރުތަކާއި ޕްރޮޓޮކޯލްތަކުގެ ތެރެއިން ދިވެހިރާއްޖެ ބައިވެރިވެފައިވާ ނުވަތަ ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކާއި ގަރާރުތަކާއި ޕްރޮޓޮކޯލްތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް ފުރިހަމައަށް އަމަލުކުރުމަށް މި ގާނޫނު ލާޒިމްކުރެ އެވެ.