23 Dec 2013, 11:08
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގު އަލުން އައްޔަންކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުން ހަތަރު ބޭފުޅަކު ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ އެމްޕީއެލްގެ ބޯޑުން މިމަހުގެ 19 ވަނަ ދުވަހު ވަކިކޮށްފައި ވަނީ ވ. ސިނަމާލެ، އަބްދުއްލަތީފާއި ޅ. ހިންނަވަރު، އަޅިވިލާގެ އަހުމަދު ޝަރީފް އަބްދުއްރަހުމާން ޔޫސުފާއި މ. ޕިންކް ފްލާވަ، ހުސެއިން މުހައްމަދުފުޅު އަދި ހ. ސެންޓާލަމް، އަހުމަދު ނާޒިމް ކަމަށެވެ. އެ ހަތަރު ބޭފުޅުން މަގާމުން ވަކިކުރުމަށް ފަހު ފުވައްމުލަކު އަޖުމީރު، އަބްދުއްނާސިރު ވަނީ އައްޔަންކޮށްފަ އެވެ.
އެ ބޯޑުން ބުނީ ކޫއްޑޫ ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި މުހައްމަދު މުއްތޮލިބު އެ މަގާމުން ވަކިކޮށް ނޮވެމްބަރު 27 ވަނަ ދުވަހު މ. ސަންބީމް، އަދުލީ އިސްމާއިލް އެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ކުޅުދުއްފުށީ ޕޯޓާއި ހިތަދޫ ޕޯޓުގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި މުހައްމަދު ލަތީފް ވަކިކޮށް، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މަހުދީ އިމާދު އައްޔަންކޮށްފައިވާ ކަމަށް ވެސް ޕްރައިވެޓައިޒޭޝަން ބޯޑުން ބުންޏެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ ޕޯސްޓް ލިމިޓެޑްގެ ބޯޑު މެމްބަރުންގެ ގޮތުގައި ތިބި މުހައްމަދު ވަސީމާއި މުހައްމަދު މަނިކު އަދި މުހައްމަދު ނަސްރު އެ މަގާމުން ވަކިކޮށް އެ ކުންފުނީގެ ބޯޑު މެމްބަރު ކަމަށް ސ. ފޭދޫ، ބަންޑާރަވިލާ އިބްރާހިމް ނިޒާމް އާއި ބ. އޭދަފުށީ ގުލްބަކާގެ، އަލީ ރަޝީދު އައްޔަންކުރުމަށް މިމަހުގެ 16 ވަނަ ދުވަހު ނިންމާފައިވާ ކަމަށެވެ.