23 Dec 2013, 11:03
އެސްޓީއޯގެ ޗެއާމަންކަމުގައި ހުންނެވި އަބްދުﷲ ފާއިޒު އެ މަގާމުން ވަކިކޮށް އެހެން ބޭފުޅަކު ހަމަޖައްސައިފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނީގެ ޗެއާމަން ކަމަށް ސ. މީދޫ، ހަސަންކާރިގެ އަހުމަދު ނިޔާޒު އައްޔަންކުރަން ފެންނަ ކަމަށް މިމަހުގެ 19 ވަނަ އެ ބޯޑުން ނިންމާފައިވާ ކަމަށެވެ. ނިޔާޒަކީ މިހާރު ވެސް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އެ ބޯޑުން ބުނީ އެސްޓީއޯގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ފާއިޒުގެ އިތުރުން އާމިރު މަންސޫރާއި ވިޒާދު އަލީ އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އެ ބޭފުޅުންގެ ބަދަލުގައި އެހެން ބޭފުޅުންތަކެއް އައްޔަންކުރެއްވި ކަމެއް ޕްރައިވެޓައިޒޭޝަން ބޯޑުން ނުބުނެ އެވެ.
ނިޔާޒު ޗެއާމަން ކަމަށް ހަމަޖެއްސެވި އިރު މިދިޔަ މަހުގެ ތެރޭގައި އާ ސަރުކާރު ހަވާލުވުމާ އެކު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ޝާހިދު އަލީ ވަކިކޮށް އެ މަގާމަށް އެ ކުންފުނީގެ ކުރީގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އާދަމް އާޒިމް ވަނީ އައްޔަންކޮށްފަ އެވެ.