23 Dec 2013, 11:00
ފުޅާ ދާއިރާއެއްގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި މިދިޔަ ހަފުތާގައި ހައްޔަރުކުރި މީހާ އާ ގުޅުން ހުރި އަންހެނަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އަދި ފައިސާތަކަކާ އެކު މއ. ފިނިފެންޖަންބުގެއިން ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ އަންހެނެއް ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި ދިވެހި އަންހެން މީހާއާއަކީ ހަމަ އެ މައްސަލައިގެ ތުހުމަތުގައި އެ ރޭ މަގުމަތިން ހައްޔަރުކުރި 30 އަހަރުގެ ފިރިހެން މީހާގެ އަންހެނުންނެވެ. އުމުރުން 30 އަހަރުގެ މީހާ ހައްޔަރުކުރަން އުޅުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި އިތުރު ދެ މީހަކު ވެސް އެރޭ ވަނީ ހައްޔަރުކޮށްފަ އެވެ.
ކޯޓުގެ އަމުރެއްގެ ދަށުން މއ. ފިނިފެންޖަންބުގެ ބަލާފާސްކުރި އިރު، ހައްޔަރުކުރި 28 އަހަރުގެ އަންހެން މީހާ ދިރިއުޅުނު އެޕާޓްމަންޓްގެ ތެރެއިން 142،100ރ. އާއި 630 އިންޑިއަން ރުޕީސް އާއި 2020 ލަންކާ ރުޕީސްގެ އިތުރުން މެލޭޝިޔާ ހަތް ރިންގިޓް އާއި ތައިލެންޑްގެ 60 ބާތުގެ އިތުރުން ހަތަރު ޑޮލަރު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަދި އެ އެޕާޓްމަންޓްގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 243 ގުރާމް ހުރި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުންގެ 100 ދުވަހުގެ މަގުޗާޓުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ މަސްތުވާތަކެއްޗަށް ފުރުސަތު ނުދިނުމެވެ. އެގޮތުން މާލެ އާއި އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުން ދަނީ މަސްތުވާތަކެތީގެ މައްސަލަތައް މަދުކޮށް މަސްތުވާތަކެއްޗަށް ފުރުސަތު ނުދިނުމަށްޓަކައި ތަފާތު އޮޕަރޭޝަންތައް ހިންގަމުންނެވެ.