23 Dec 2013, 10:30
ހިޓާޗީ އެމްބީއޭ ޗެމްޕިއަންޝިޕް 2013ގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ރެޑްލައިން ކްލަބު (އާރުއެލްސީ)އާ ވާދަކޮށް ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ދެ ޕޮއިންޓުގެ ތަފާތުން އެ މެޗު ކާމިޔާބުކޮށްފި އެވެ.
ހޮނިހިރު ދުވަހު ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުން 54-52 ޕޮއިންޓުން ޑީއެސްސީ މޮޅުވިއިރު އެ މެޗުގައި އެޓީމަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ 22 ޕޮއިންޓު ހޯދި ޝިޒްނާ ރަޝީދު އެވެ.
ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި އާރުއެލްސީއަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ 22 ޕޮއިންޓު ހޯދައިދިން ފާތިމަތު ރިޝްމާ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ރިޝްމާ އެވެ.
އަންހެން ޑިވިޝަންގައި ޑީއެސްއީއާއި އާރުއެލްސީގއެ އިތުރުން ވާދަކުރަނީ ޔޫތު ސްޕޯޓްސް ކުލަބެވެ. ޖުމުލަ ތިން ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ޓީމުގެ މެދުގައި އެއް ބުރު ކުޅެ އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެޓީމެއް ފައިނަލަށް ދާގޮތަށެވެ. އަދި އެ ދެޓީމުގެ މެދުގައި ފައިނަލް ތިން މެޗު ކުޅެ މޮޅުވާ ޓީމަކަށް މުބާރާތުގެ ޗެމްޕިއަންކަން ލިބޭނެ އެވެ.
އަންހެން ޑިވިޝަންގައި ޑީއެސްސީ ދެން ކުޅޭ މެޗުގައި ބުދަ ދުވަހު ހަވީރު ވާދަކުރާނީ ޔޫތު ސްޕޯޓްސް ކްލަބާ އެވެ.