23 Dec 2013, 10:13
އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ފާސް ކުރުމަށްޓަކައި ވޯޓަށް އެހެން އޮންނާނީ އަންނަ އާދީއްތަ ދުވަހު ކަމަށް މަޖިލިސް އިދާރާ އިން ބުނެފި އެވެ.
މަޖިލީހުން މިއަދު ބުނީ ބަޖެޓް ރިޕޯޓް ހުށަހެޅުން އަންނަ ބުދަ ދުވަހަށް އެޖެންޑާކޮށްފައިވާ އިރު އެދުވަހާއި އަންނަ ބުރާސްފަތި ދުވަހު ބަޖެޓް ރިޕޯޓަށް ބަހުސް ކުރުން އޮންނާނެ ކަމަށެވެ. އަދި ބަޖެޓަށް ވޯޓަށް އެހުން އޮންނާނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ.
މަޖިލީހުން އިތުރަށް ބުނީ ބަޖެޓް ކޮމިޓީގެ ރިޕޯޓް ފޮނުއްވަން އޮތް ތާރީހަށް ރިޕޯޓް ފޮނުވާފައި ނުވާތީ ބަޖެޓް ރިޕޯޓަށް އިސްލާޙް ހުށަހެޅުމަށް އިތުރު ފުރުސަތު އެރުވުމަށް ޓަކައި މާދަމާގެ ހަވީރު 4:00 އަށް އިސްލާޙް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
ބަޖެޓް ކޮމެޓީގެ އިސް ބައެއް މެމްބަރުންނަށް ގުޅާލުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެކަމާ ގުޅޭ އިތުރު މައުލޫމާތު ވަނީ ލިބޭގޮތް ނުވެފަ އެވެ.
މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގައި އޮޑިޓް އޮފީހުގެ ބަޖެޓާ ބެހޭ ގޮތުން މާލިއްޔަތު ކޮމިޓީން ފޮނުއްވި ރިޕޯޓް ހުށަހެޅުން އެޖެންޑާކޮށްފައިވާ އިރު ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ވޯޓް ކުރިން ވެސް އެޖެންޑާ ކުރެވިފައިވާ ގޮތުގެ މަތީން އަންނަ އާދީއްތަ ދުވަހަށް އޮތީ އެޖެންޑާކޮށްފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވީ 16.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓަށް ގެނައި އިސްލާހުތަކާ އެކު ބަޖެޓް ވަނީ 17.5 ބިލިއަނަށް ބޮޑުކޮށްފަ އެވެ. އަދި މަޖިލީހުން ވަނީ ބަޖެޓް 17.77 ބިލިއަން ރުފިޔާ އަށް ބޮޑުކޮށްފަ އެވެ.