ސްޕެނިޝް ލަލީގާ ގައި ރޭ ގެތަފޭ ދެ ލަނޑު ޖަހައި ކުރި ހޯދާފައިވަނިކޮށް ބާސެލޯނާގެ ޕެޑްރޯ ރޮޑްރިގޭޒް މެޗުގައި ހެދި ހެޓްރިކާއެކު 5-2 އިން ގެތަފޭ ބަލިކޮށް ލީގު ތާވަލުގެ އެއްވަނަ މަގާމަށް އަނެއްކާވެސް ބާސާ އެނބުރި އަތުވެއްޖެ އެވެ.

ލީގުގައި ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ލެވެންޓޭ އަތުން 3-2 އިން މޮޅުވެ އެތުލެޓިކޯ މެޑްރިޑް 46 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދާފައި ވަނިކޮށް ރޭގެ މޮޅާއެކު ޗެމްޕިއަންސް ބާސާ އަށް ލީގުގެ ކުރި ލިބުނީ ހަމަ އަދަދަށް ޕޮއިންޓް ހަމަކޮށް ދެ ލަނޑުގެ ތަފާތުން ނެވެ.

ރޭގެ މެޗުގައި ގެތަފޭގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސާޖިއޯ އެސްކުޑޭރޯ އެވެ. އަދި އޭގެ ހަތަރު މިނިޓް ފަހުން އެޓިމަށް ލިބުނު ކޯނަރެއް ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ވަގުތު ބޮލުންޖަހައި ގޯލްގެ ތެރެއަށް ފޮނުވާލައިގެން ލިސަންޑްރޯ ލޮޕޭޒް ވަނީ ބާސާ ސިއްސުވާލައިފަ އެވެ.

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި މެސީ އާއި ސަސްޕެންޝަންގެ ސަބަބުން މެޗަށް ނޭރުނު ނޭމާއާ ނުލައި ބާސާކުޅުނު ފޯރިގަދަ މި މެޗުގައި ބާސާގެ ފުރަތަމަ ލަނޑު ޕެޑްރޯ ޖަހައިދިނީ 34 ވަނަ މިނިޓްގައި އެވެ. އަދި ދެވަނަ ލަނޑު 41 ވަނަ މިނިޓުގައި ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކުރުމަށް ފަހު ޕެޑްރޯ ވަނީ އޭގެ ދެމިނިޓް ފަހުން ލަނޑެއް ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަ ކުރުމަށް ފަހު ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާއަށް މެޗުގެ ކުރި ހޯދައިދީފަ އެވެ. ބާސާގެ ފަހު ދެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސެސް ފަބްރިގާސް އެވެ. 68 ވަނަ މިނިޓްގައި ފުރަތަމަ ލަނޑު ކާމިޔާބުކުރިއިރު ބާސާގެ ފަހު ލަނޑު ފަބްރިގާސް ކާމިޔާބުކުރީ 72 ވަނަ މިނިޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.

ލަލީގާގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވެލެންސިޔާގެ ދަނޑުގައި އެޓީމު އަތުން ރެއާލް މެޑްރިޑް ވަނީ 3-2 އިން މޮޅުވެފަ އެވެ. އެ މެޗުގެ 28 ވަނަ މިނިޓްގައި އެންޖެލް ޑި މާރިއާ ލަނޑެއް ކާމިޔާބުކޮށް ރެއާލްއަށް ކުރި ހޯދާދީފައި ވަނިކޮށް 34 ވަނަ މިނިޓްގައި ޕިއާޓީ ވަނީ ލަނޑެއް ކާމިޔާބުކޮށް ވެލެންސިޔާއަށް ނަތީޖާ ހަމަހަމަކޯށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލްއަށް ދެވަނަ ފަހަރަށް ކުރި ލިބުނީ 40 ވަނަމިނިޓުގައި ކްރިސްޓިއާނީ ރޮނާލްޑޯ ކާމިޔާބުކޮށް ލަނޑުންނެވެ. އެހެން ނަމަވެސް ވެލެންސިޔާގެ މެތިއު 62 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރި ފަހުން ރެއާލްއަށް ތިންވަނަ ފަހަރަށް ކުރި ހޯދައިދިނީ 82 ވަނަ މިނިޓުގައި ޖެސޭ އެވެ. މި ނަތީޖާއާ އެކު ރެއާލްއަށް ވަނީ 41 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ ލިބިފަ އެވެ.

އެސްޕަންޔޯލް އަމިއްލަ ދަނޑުގައި 4-2 އިން ރެއާލް ވަލަޑޮލިޑް ބަލިކުރިއިރު އެތުލެޓިކް ކްލަބު ވަނީ 2-1 އިން ރަޔޯ ވަޔެކާނޯ ބަލިކޮށްފަ އެވެ. އަދި ސެލްޓާވީގޯއާއި އޮސަސޫނާ ބައްދަލުކުރި މެޗު 1-1 ވަނީ އެއްވަރު ވެފަ އެވެ.

ރޭގެ މެޗުތަކަށްފަހު ލަލީގާ ވަނީ ވިންޓާ ބްރޭކަށް މެދުކަނޑައިލާފަ އެވެ. ސްޕެއިން ލީގުގެ މެޗުތައް ދެން ފަށާނީ ޖެނުއަރީ ހަތަރެއްގަ އެވެ.