22 Dec 2013, 23:59
ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކާއި އެހެނިހެން ބޮޑެތި މަސައްކަތްތަކުގައި ލޭބަރުންގެ ގޮތުގައި ޖަލުތަކުގައި ތިބި ގައިދީން ނެރުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމިން އަބްދުއްގައްޔޫމްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭގައި ޒުވާންނަށް އަމާޒުކޮށްގެން ހޯމް މިނިސްޓްރީން ކުރަން ހަމަޖެހިފައިވާ ކަންތައްތައް އިފްތިހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު އުމަރު ވިދާޅުވީ ޖަލުތަކުގައި ތިބި ޒުވާނުނަށް މަސައްކަތުގެ މައިދާނުން ފުރުސަތު ދިނުމަކީ މި ސަރުކާރުގެ އެއް އަމާޒު ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ގަސްތުކޮށްފައިވަނީ ޖަލުތަކުގައި ތިބި މީހުންގެ ތެރެއިން އަހުލާގު ރަނގަޅު، މަސައްކަތަށް ރަނގަޅު މީހުން މަސައްކަތަށް ނެރުމަށް. އޭގެ ތެރޭގައި ދައުލަތުގެ، ސަރުކާރުގެ ފަރާތުން ހިންގާ ބޮޑެތި ޕްރޮޖެކްޓްތަކުގައި، އެކި އެކި މަސައްކަތްތަކުގައި ޖަލު މީހުން ކުރިއަށް އޮތްތާގަ ބައިވެރިކުރެވޭނެ،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަސައްކަތްތަކުގައި ބައިވެރި ކުރެވޭނީ ގައިދީންގެ ރުހުމުގައި ކަމަށާއި އެމީހުނަށް އާމްދަނީއެއް ވެސް ހަމަ ޖައްސާނެ ކަމަށެވެ. ނަމަވެސް އެ މީހުނަށް ލިބޭ އާމްދަނީގެ ބައި ކުޅަބައެއް ދައުލަށް ލިބޭނެ ކަމަށާއި އެ ފައިސާ ބޭނުން ކުރަނީ ޖަލުތަކުގެ އެކި މަސައްކަތަކަށާއި އެކި ޕޮރްގުރާމްތައް ހިންގުމަށް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޖަލުތަކުގައި ތިބޭ މީހުން ލައްވާ މަސައްކަތް ނުކުރުވާ ބޭތިއްބުމުގެ ސަބަބުން ޖަލުތަކުގައި ތިބި ޒުވާނުންގެ ފަރާތުން ގައުމަށް ލިބެންޖެހޭ ހިދުމަތް ނުލިބޭ ކަމަށާއި އެހެން ކަމުން އެ މީހުން ލައްވާ ކުރަން ޖެހޭ މަސައްކަތް ކުރުވަން ޖެހެނީ ބިދޭސީން ލައްވާ ކަމަށެވެ.
"[ގައިދީން ލައްވާ މަސައްކަތް ނުކުރުވުމުން ލިބޭ] ގެއްލުމަކީ ޖަލުތަކުގައި ތިބި އާބާދީއަކީ މަސައްކަތެއް ނުކުރުވާ ބަޔަކަށް ވާތީ އެ މަސައްކަތައް ކުރުވަން ބިދޭސީން ރާއްޖެއިން ބޭރަށް ގެނަން ޖެހުން. ޖަލުތަކުގައި ތިބޭ ކޮންމެ މީހެއްގެ ބަދަލުގައި ބިދޭސީއެއް އެބަ ޖެހޭ ގެންނަން ކޮންމެވެސް މަސައްކަތެއް ކުރުވަން،" އުމަރު ވިދާޅުވި އެވެ.
ޖަލުތަކުގައި ތިބޭ މީހުން ލައްވާ މަސައްކަތެއް ނުކުރުވުމުގެ ސަބަބުން އެ މީހުނަށް ދައުލަތުންކުރަން ޖެހޭ ހަރަދު ބޮޑުވެފައިވާ ކަމަށާއި އެ މީހުންލައްވާ މަސައްކަތް ކުރުވައިފިނަމަ އެ ހަރަދު ކުޑަވެގެންދާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އޭގެ އިތުރުން ގައިދީނަށް މަސައްކަތްކުރުމުގެ ފުރުސަތު ދިނުމަށް އެ މީހުން އާއިލާތަކަށް ހަރަދުކުރުމުގެ ފުރުސަތު ވެސް ހޯދަދެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޖަލުތަކުގައި 730 ޒުވާނަކު ތިބިއިރު މަސައްކަތަށް ނެރޭ ފުރަތަމަ ޓީމް ކުރިއަށް ދެ ހަފްތާގެ ތެރޭގައި ނެރޭނެ ކަމަށް މިނިސްޓަރު މިރޭ ވަނީ އިއުލާން ކުރައްވާފަ އެވެ. އަދި 2014 ނިމޭއިރު 400 ގައިދީން ހިމެނިގެންދާނީ ރާއްޖޭގެ މަސައްކަތު މީހުންގެ އާބާދީގައި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.