ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުން ބައިތިއްބުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމިން އަބްދުއްގައްޔޫމްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ޒުވާނުނަށް އަމާޒުކޮށް ހޯމް މިނިސްޓްރީން ހިންގަން ރާވާފައިވާ ކަންކަން އިފްތިތާހު ކުރުމަށް މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ބައިތިއްބައިފިނަމަ ކުށުގެ ވެއްޓަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އެކަމަކީ ކިތަންމެ ހަރަދު ބޮޑު ކަމަކަށްވިޔަސް އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މި މަސައްކަތަކީ ކިތަންމެ ބޮޑު މަސައްކަތަކަށްވިޔަސް އަދި ކިތަންމެ ހަރަދު ބޮޑު މަސައްކަތެއްކަމުގައިވިޔަސް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުން ބައިތިއްބައިފިއްޔާ ރާއްޖޭ ކުށުގެ ވެއްޓަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ. މި ބަދަލު އައިސްފިނަމަ އަޅުގަނޑުމެނަށް ހުށަހެޅޭ މައްސަލަތައް ވެސް މަދުވާނެ އަޅުގަނޑުމެނަށް ބޮޑެތި މައްސަލަތަކާއި ކުރިމަތިވާލެއް މަދުވާނެ،" އުމަރު ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ހިދުމަތް ގާއިމުކުރުމަށް އަލަށް ފުލުހުންގެ ހިދުމަތައް މީހުން ނަގާނެ ކަމަށާއި އޭގެ ސަބަބުން ގިނަ ޒުވާނުން ތަކަށް އަލަށް ވަޒީފާގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ބޭތިއްބުމަށްޓަކައި ވަރަށް ގިނަ ފުލުހުން ނަގަން ޖެހޭ އަޅުގަނޑުމެން ނަގާނީ ގާތްގަނޑަކަށް މުޅިންހެން ޒުވާނުން. ޒުވާނުނަށް ވަޒީފާތައް ލިބިގެންދާނެ،" އުމަރު ވިދާޅުވި އެވެ.

ރާއްޖޭގެ 65 ފަސްރަށެއްގައި މިހާރު ވެސް ވަނީ ފުލުހުންގެ ހިދުމަތްގާއިމުކޮށްފަ އެވެ.