22 Dec 2013, 23:01
ލަންކާގެ ދެކުނުގެ އަވަށެއް ކަމަށްވާ ކޮސްގޮޑާގައި ހުންނަ ވެލާ އާލާކުރާ ކޮންޒަވޭޝަން ސެންޓަރަކުން ގެއްލިފައިވާ އަލްބީނޯ ވެލާގެ މައްސަލާގައި ތުހުމަތު ކުރެވޭ ދިވެއްސެއްގެ ބަޔާނެއް ލަންކާ ފުލުހުން ނަގައިފި އެވެ.
މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އަމިއްލަ މީހެއްގެ ވެލާ އާލާކޮށް އެކަމުގެ ދިރާސާކުރާ ސެންޓަރަކުން ގެއްލުނު އަލްބީނޯ ވެލާ ގެއްލިފައިވާ ކަމުގެ ތުހުމަތުގައި އެގައުމުގެ މަޝްހޫރު ލަވަކިއުންތެރިޔާ އަމަލް ޕެރޭރާގެ އެކުވެރި ދިވެއްސެއްގެ ބަޔާނެއް ކޮސްގޮޑާގެ ފުލުހުން އިއްޔެ ނަގާފައިވާ ކަމަށް ލަންކާގެ ޑެއިލީމިރާ ނޫހުން ބުންޏެވެ.
ނަމަވެސް އޭނާގެ ނަމެއް އަދި އިތުރު އެއްވެސް މައުލޫމާތެއް ވެސް ދީފައިނުވާ އިރު ދިން ބަޔާނާއި ގުޅޭ ގޮތުން ވެސް އިތުރު ތަފްސީލެއް އެ ނޫހުގައި ހާމަކޮށްފައެއް ނުވެ އެވެ.
ލަންކާގެ ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ އޭނާ ވެލާ ގަތުމަށް ބޭނުންވެފައި ވަނީ ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި ސިޔާސީ މީހަކަށް ސިހުރު ހެދުމުގެ ބޭނުމުގަ އެވެ.
ލަންކާ ފުލުހުން ވަނީ އެ މައްސަލާގައި އެންމެ ފުރަތަމަ ތުހުމަތު ކުރެވުނު އަމަލް ފެރޭރާގެ ބަޔާނެއް ވެސް މިދިޔަ ބުރާސްފަތި ދުވަހު ނަގައިފަ އެވެ.
އެ ބަޔާން ފުލުހުންނަށް ދިނުމަށް ފަހު ޕެރޭރާ މީޑިއާގައި ބުނެފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ ފަހު ކޮޅު އޭނާގެ ދިވެހި ރަހްމަތްތެރިއާ އެކު، ވެލާ އާލާކުރާ ކޮންޒަވޭޝަން ސެންޓަރަށް ގޮސް އެވެލާ ގަތުމަށް 35 މިލިއަން ލަންކާ ރުޕީސް (ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާ) ހުށަހެޅި ކަމަށެވެ. ނަމަވެސް އެސެންޓަރުން އެ ވިއްކުމަށް ދެކޮޅު ހެދިކަމަށެވެ. އަދި އޭގެ ފަހުން އެ ވެލާ ގަތުމަށް ވެސް އެމީހުން މަސައްކަތް ނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
އަލްބީނޯ ވެލާ ވަގަށްނެގި ކަމަށް ބުނާ ސެންޓަރުގެ ވެރިއާ ޗަންދްރަސިރީ އެބްރޫ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު އޭތި ބާއްވާފައިވާ ތަނުގެ ވަށައިގެންވާ ހަ ފޫޓު އުސްމިނުގު ދާގަނޑު ހަލާކުކޮށްލައިގެން ބަޔަކު އެވެލާ ވަގަށް ނަގާފައިވާ ކަމަށެވެ. ވެލާގެ ދިގު މިނުގައި 60 ސެންޓިމީޓަރު އަދި ފުޅާ މިނުގައި 35 ސެންޓި މީޓަރު ހުންނަ އިރު ބަރުދަނުގައި 9.5 ކިލޯގްރާމް ހުންނާނެ ކަމަށެވެ. އަދި އެ ވެލާ ގަތުމަށް ވޭތުވެ ދިޔަ ހަ މަސްދުވަހު އެތަށް ބަޔަކު އައިސްފައިވާ ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.