ސިފައިންގެ ވަޒީފާއަށް ނަގާ 45 މީހުންގެ ޖާގައަށް، 470 މީހުން ކުރިމަތިލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ ވަޒީފާއަށް ވަނުމަށް މި މަހުގެ އެކަކުން 15 އަށް ހުޅުވާލި ފުރުސަތުގައި ވަޒީފާއަށް އެދުނު 900 މީހުންނަށް ފޯމު ދޫކޮށްފައިވާއިރު އޭގެ ތެރެއިން ފޯމު ހުށަހަޅާފައި ވަނީ 470 މީހުން ކަމަށެވެ. ނަމަވެސް މިވަގުތު ސިފައިންގެ ވަޒީފާއަށް ހޮވުމަށް ހަމަޖެހިފައިވަނީ 45 މީހުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ ވަޒީފާއަށް އެދި ހުށަހެޅި ފަރާތްތަކާއި އެކު މިއަދު ފުރަތަމަ އިންޓަވިއު ކުރަން ފަށާފައިވާއިރު އެ އިންޓަވިއު ކުރުންތައް މިމަހުގެ 24 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އަދި ފުރަތަމަ އިންޓަވިއުއިން ހޮވޭ ފަރާތްތަކަށް ބާއްވާ އެޕްޓިޓިއުޑް ޓެސްޓު ވެސް މިއަދު ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެޕްޓިޓިއުޑް ޓެސްޓަށްފަހު ހަށިހެޔޮކަން ބެލުމުގެ އިމްތިހާނެއް މިމަހުގެ 25 ހުން 28 އަށް އޮންނާނެ ކަމަށާއި އެއަށްފަހު އޮންނަ ދެވަނަ އިންޓަވިއުއިން ހޮވޭ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތްތައް މެޑިކަލް ޓެސްޓް ހަދަންޖެހޭނެ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.