އިންޑިއާ ޕާލަމެންޓްގެ ތަޖުރިބާތައް އަބަދު ވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާ ހިއްސާކުރަމުން ދާނެ ކަމަށް އެ ގައުމުގެ ޕާލަމެންޓްގެ ތިރިގެ، ލޮކް ސަބާގެ ރައީސާ ޝްރިމަތީ މީރާ ކުމާރު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ރާއްޖޭގައި ތިބޭ އިންޑިއާގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ޓްރޭޑާސް ހޮޓަލުގައި މިރޭ ބޭއްވި ހަފުލާއަކަށް ފަހު ރާއްޖޭގެ ބައެއް ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ދެގައުމުގެ ޕާލަމެންޓްގެ ގުޅުން އިތުރަށް ކުރިއަށް ގެންދިއުމަށް ވަކި ހާއްސަ ޕްލޭނެއް އެބަ އޮތްތޯ ނޫސްވެރިއަކު ދެންނެވުމުން މީރާ ވިދާޅުވީ ޕާލަމެންޓްރީ ދިރާސާތައް ކުރާ ބިއުރޯއެއް ލޮކްޝަބާގައި ހުންނަ ކަމަށާއި އެބިއުރޯއާ ރާއްޖޭގެ ޕާލަމެންޓާ ދެމެދު އަބަދުވެސް މުއާމަލާތް ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ހުރޭ ޕާލަމެންޓްރީ ދިރާސާތައް ކުރާ ބިއުރޯއެއް [ބިއުރޯ އޮފް ޕާލަމެންޓްރީ ސްޓަޑީސް] އެތަނާ މިރާއްޖޭގެ ޕާލަމެންޓާ އަބަދުވެސް ދަނީ މުއާމަލާތްކުރަމުން. އިންޑިއާގެ ހުރިހާ ތަޖުރިބާއެއް ރާއްޖެއާ ހިއްސާކުރާނެ،" ލޮކް ސަބާގެ ރައީސާ ވިދާޅުވި އެވެ.

ހަފުލާގައި ބައިވެރިވި އިންޑިއާގެ ރައްޔިތުންނާ މުހާތަބުކުރައްވަމުން މީރާ ވިދާޅުވީ އެހެން ގައުމެއްގައި ތިބޭއިރު، އެ ތިބޭ ގައުމަށް ވަފާތެރިވާން ވާނެ ކަމަށެވެ. އަދި ހަމަ އެއާ އެކު ނިސްބަތްވާ ގައުމަށް ވެސް ގެއްލުމެއް ނުވާނެ ގޮތަކަށް ތިލަފަތް ހަމަކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަމަނާގެ ދަތުރުފުޅުގައި ރާއްޖޭން ބައްދަލުވެވަޑައިގެންނެވި އިސް ބޭފުޅުން ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތުންނަށް ތައުރީފު ކުރެއްވި ކަމަށެވެ.

މިރޭގެ ހަފުލާގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭއާއި ޑެޕިއުޓީ ހައިކޮމިޝަނަރް ސަންޖޭ ރާނާ ބައިވެރިވެވަޑައިގެންނެވި އެވެ.