22 Dec 2013, 20:43
ދ. މާއެނބޫދޫ ސިއްހީ މަރުކަޒުގެ ތިޖޫރީ ވަގަށް ނަގައި، އެ ތިޖޫރީގައި ހުރި ފައިސާތައް ފޮރުވައިގެން އުޅުނު މީހާގެ ޖީބުން ތިޖޫރީން ނެގި ފައިސާތައް ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ މާއެނބޫދޫ ސިއްހީ މަރުކަޒުގެ ތިޖޫރީ ފަޅާލި މީހާއަކީ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ 38 އަހަރުގެ އެ މީހާ ހައްޔަރު ކުރީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ރޭ ފަތިހު މާއެނބޫދޫއިން ކަމަށެވެ.
މާއެނބޫދޫ ސިއްހީ މަރުކަޒުގެ ތިޖޫރީ ފަޅާލައިގެން ވައްކަން ކޮށްފައިވާ ކަމަށް ފުލުހުނަށް ހުށަހެޅީ ރޭ މެންދަމު ކަމަށާއި އެ މައްސަލަ ހުށަހެޅުމާއެކު ފުލުހުން ކުރި މަސައްކަތުން ތިޖޫރީ ވަގަށް ނެގި މީހާ ހައްޔަރުކޮށް އޭނާ ބަލައި ފާސްކުރިއިރު އޭނާ ލައިގެން ހުރި ފަޓްލޫނުގެ ޖީބު ތެރެއިން ތިޖޫރީން ވަގަށް ނަގާފައިވާ ކަމަށް ތުޙުމަތުކުރެވޭ 12556ރ. ތެރެއިން 11605ރ. ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ވަގަށް ނެގި ތިޖޫރީ އޮތީ މޫދަށް އެއްލާލާފައި ކަމަށާއި ތިޖޫރީ މޫދަށް އެއްލާލި ސަރަހައްދުން 500ރ. ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ތިޖޫރީން ގެއްލުނު ފައިސާގެ ތެރެއިން މިހާތަނަށް ނުފެނިވަނީ 501 ރުފިޔާ އެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހާ ބަންދަށް 15 ދުވަސް ކުޑަހުވަދޫ ކޯޓުން ވަނީ ޖަހައިދީފަ އެވެ.