މަޖިލީހުގެ ރުހުން ނުލިބުމުން މަގާމުގައި ނުތިއްބެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ ހަތް ބޭފުޅުން ވަޒީރުކަން ކުރެއްވެވިއިރު ދިން ވަޒީރުކަމުގެ ހުރިހާ އިނާޔަތެއް މިއަދުން ފެށިގެން ކަނޑާލާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ ޕްރެސް ސެކެއްޓަރީ މުހައްމަދު ޒުހައިރު ވިދާޅުވެއްޖެ އެވެ.


ޒުހައިރު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމަށް ބަލާއިރުގައި ރުހުން ނުލިބުނު މިހާރުގެ ޑިފެކްޓޯ މުވައްޒަފުންގެ (އިދާރީ މުވައްޒަފުން) ބަދަލުގައި އާ ވަޒީރުން އައްޔަނު ކުރަންދެން ރުހުންނެތް ވަޒީރުންނަށް އެމަގާމުގައި ދެމިތިބުމުގެ ފުރުސަތު އޮތް ނަމަވެސް ވަޒީރަކަށް ލިބޭ އެއްވެސް އިނާޔަތެއް މިއަދުން ފެށިގެން ރުހުންނެތް އެއްވެސް ވަޒީރަކު ބޭނުން ކުރަމުން ނުގެންދާނެ އެވެ.


"ސުޕްރީމް ކޯޓުގެ ހުކުމުގެ ތަފްސީލަށް ބަލާލައިފި ނަމަ ހުކުމުގައި އޮންނަނީ އެބޭފުޅުން ވަޒީރުކަމުން ރައީސުލް ޖުމްހޫރިއްޔާ ވަކިކުރައްވަންދެން ދެމިތިއްބަވާނެކަމަށް. އެއީ ގާނޫނީ ހުސްކަމެއް އަޔަނުދެއްވުމަށް. ދައުލަތުގެ ހިންގުމަށް ހުރަހެއް އެޅިދާނެކަމަށް ބައްލަވާފަ ސުޕްރީމް ކޯޓުން އެގޮތަށް ނިންމާވަ އޮތީ. މިދެންނެވި ނިމުންތައް ނިމެންދެއް އެބޭފުޅުން ދެމިތިއްބަވާނެ. އެހެންނަމަވެސް ވަޒީރުކަމުގެއް އެއްވެސް އިނާޔަތެއް އެބޭފުޅުން ބޭނުން ކުރަމުންނެއް ނުގެންދެވާނެ." ޒުހައިރު ވިދާޅުވި އެވެ.


ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނަނީ  ރުހުން ނުލިބޭ ވަޒީރުން މަގާމުން ވަކިވަންދެން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ވަކިކުރަން ދެން ތިއްބަވާނީ "ޑި ފެކްޓޯ" މުވައްޒަފުންތަކެއްގެ ގޮތުގައި ކަމަށެވެ. އެއީ އަދުލު އިންސާފު ގާއިމްކުރުމުގެ ހައިސިއްޔަތުންނާއި ސުޕްރީމް ކޯޓަށް ލިބިފައިވާ ގާނޫނު އަސާސީގެ ބެލެނިވެރިކަމުގެ މަސްއޫލިއްޔަތަށް ބެލުމަށް ފަހު  ނިންމެވި ނިންމެވުމެއް ކަމަށެވެ.


 ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއިއްޒު އަދުނާން ވިދާޅުވީ މަޖިލީހުގެ ރުހުން ނުލިބުނު އަދި ސުޕްރީމް ކޯޓުން ޑިފެކްޓޯ މުވައްޒަފުންތަކެއް ކަމަށް ނިންމާފައިވާ ބޭފުޅުންނަށް ސެކިއުރިޓީ ދިނުމުގައި އަދި ގޮތެއް ނިންމާފައި ނުވާކަމަށެވެ. ނަމަވެސް ސެކިއުރިޓީ ދޭންޖެހޭ ފަދަ ދަނޑިވަޅެއްގައި ހުރިހާ އެންމެންނަށްވެސް އެއް އުސޫލަކުން ސެކިއުރިޓީ ދެމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.


ފުލުހުންގެ މީޑިއާ ކޯޑިނޭޓަރ ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ ސަރުކާރުން ވަކިގޮތެއް ނިންމަންދެއް ކުރިއެކޭވެސް އެއް އުސޫލުން ޑިފެކްޓޯ މުވައްޒަފުންނަށް ފުލުހުން ސެކިއުރިޓީ ދެމުން ގެންދާނެ ކަމަށެވެ.


ރުހުން ލިބިފައި ނުވާ ވަޒީރުންނަކީ ބަންޑާރަ ނާއިބު ޑރ. އަހުމަދު އަލީ ސަވާދާއި ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި ހޯމް މިނިސްޓަރު މުހައްމަދު ޝިހާބާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ އާއި ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ އާއި ޑިފެންސް މިނިސްޓަރު އަމީން ފައިސަލާއި ފައިނޭންސް މިނިސްޓަރު އަލީ ހާޝިމެވެ.