"ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން "ސީ" ކެޓަގަރީން ފްލެޓް ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން އިއުލާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އޭސީސީން މައްސަލައެއް ފެންމަތިކޮށްފައިނުވާ ފަރާތްތަކާ އެކު ފެލްޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ފަށަފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ ނައިބު އަބްދުﷲ މުއްތަލިބް ވިދާޅުވީ ސީ ކެޓަގަރީން ފެލްޓް ލިބޭނެ ކަމަށް ވެށިފަހިމާލެ އޮފީހުން ނިންމި ފަރާތަކުގެ ތެރެއިން މައްސަލައެއް ހުރިކަމަށް ބުނެފައިވާ ނުވާ 98 ފަރާތަކާ އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންކަން މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރިއަށްގެންދާ ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ސީ ކެޓަގަރީން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފޯމް ބާތިލު ކުރުމަށް އޭސީސީން އެންގި ފަރާތްތަކަށް ގޮތެއް ކަނޑައަޅާނީ ބަންޑާރަ ނައިބު އޮފީހުން އެކަން ބެލުމަށް ފަހު ކަމަށް ކަމަށެވެ. ބަންޑާރަ ނައިބު އޮފީހުން ބަލާނީ ފައިނަލް ލިސްޓްގައި ބާތިލު ކުރުމަށް އެންގި ފޯމްތައް ބަލައިގަތުމުގައި އެއްވެސް ގާނޫނީ މައްސަލަތަކެއް ވޭތޯ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެސީސީން ތައްޔާރުކުރި ރިޕޯޓުގައި އެއްވެސް މައްސަލައެއް ނެތް ފަރާތްތަކާ އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ފައްޓައިފިން،" މިނިސްޓަރު ވިދާޅުވި އެވެ.

މައްސަލަ ހުރި ކަމަށް އޭސީސީން ބުނި ފޯމްތަކާ މެދު ހަފްތާއެއްގެ ތެރޭގައި ބަންޑާރަ ނައިބު އޮފީހުން ގޮތެއް ނިންމާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޭސީސީން މައްސަލަތައް ހުރި ކަމަށް ބުނާ ފޯމްތަކާ މެދު ބަންޑާރަ ނައިބުގެ އޮފީހުން ގޮތެއް ކަނޑައެޅޭ އިރު ފައިނަލް ލިސްޓްގައިވާ ހުރިހާ ފަރާތްތަކަށް ފްލެޓްތައް ލިބިގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

އޭސީސީން ތައްޔާރުކުރި ރިޕޯޓުގައި މާލޭގެ ގެއެއްގައި ރަޖިސްޓްރީ ވެފައިވާތީ ސީ ކެޓަގަރީން ފެލްޓް ލިބުމަށް ޝަރުތުހަމަނުވާ ކަމަށް 33 ފަރާތެއް ނިންމާފައިވާ އިރު ލިޔުންތަކުގައި އިނގިލީގެ ނިޝާންނެތުމުގެ ސަބަބުންނާއި ބައެއް މައުލޫމާތުތައް ހުށަހަޅާފައިވާ ގޮތުން ފޯމް ބަތިލު ކުރުމަށް އޭސީސީން އަންގާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. އަދި އިތުރަށް 40 މީހެއްގެ މައުލޫމާތު ސާފު ކުރުމަށް ވެސް އޭސީސީން ވަނީ އަންގާފަ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.