ހިލޭ އަންހެނުންނާ އެކު ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ސަސްޕެންޑު ކުރުމާމެދު ގޮތެއް ނިންމުން އަންނަ މަހުގެ 15 ވަނަ ދުވަހަށް އެޖެންޑާކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރަކު ވިދާޅުވީ އަލީ ހަމީދު ސަސްޕެންޑު ކުރުމާ މެދު ގޮތެއް ނިންމުން އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވާ ކޮމިޝަންގެ ބައްދަލުވުމަށް އެޖެންޑާކުރުމަށް ނިންމާފައި ވަނީ މިމަހުގެ މެދެއްހާ ހިސާބުގައި ކަމަށެވެ.

އަލީ ހަމީދުގެ މައްސަލަ ބެލުމަށް ޖޭއެސްސީން އެކުލަވާލާފައިވާ ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން ވަނީ އޭނާ ސަސްޕެންޑު ކުރަން ފެންނަ ކަމަށް މިމަހުގެ ކުރީކޮޅު ފާސްކޮށް، އެކަން ކޮމިޝަނަށް ހުށަހަޅާފަ އެވެ.

ހިލޭ އަންހެނުންނާ އެކު އަލީ ހަމީދު ޖިންސީގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް މީގެ ކުރިން ސޯޝަލް މީޑިއާގައި ވަނީ ލީކުކޮށްލާފަ އެވެ. އެ ވީޑިއޯގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޖިންސީ ގުޅުން ހިންގުމާއި ބަދުއަޚުލާގީ އަމަލު ހިންގުން ފިޔަވައި އެހެނިހެން މައްސަލަތަކުގެ ތުހުމަތުގައި ބައެއް ފަނޑިޔާރުން މުއްދަތެއް ނެތްގޮތަށް ސަސްޕެންޑުކޮށްފައިވާ އިރު، ނަހަމަގޮތުގައި ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ އަލީ ހަމީދު ސަސްޕެންޑުނުކޮށް ގިނަ ދުވަސްތަކެއްވާތީ ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.