22 Dec 2013, 16:49
މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫއުތައް ކުރިއަށް ނުގެންގޮސް ވަގުތީ ގޮތުން މަޑުޖައްސާލުމަށް ހައުސިން މިނިސްޓްރީން އަންގައިފި އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަޝްރޫއުތައް ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް މާލޭ ސިޓީ ކައުންސިލަށް އަންގާފައި ވަނީ މި މަހު 12 ވަނަ ދުވަހު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެގޮތަށް އަންގާފައި ވަނީ މާލޭ ސިޓީ ކައުންސިލުން މަޝްރޫއުތައް ކުރިއަށްގެން ދަނީ ސަރުކާރުގެ ޕޮލިސީތަކާ އެއްގޮތަށްތޯ ބަލައި ރިވިއުކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ އެކަން ރިވިއުކޮށް ނިމުމާ އެކު މަޝްރޫއުތައް ކުރިއަށްގެންދިޔުމުގެ ހުއްދަ އަލުން ދޫކުރާނެ ކަމަށެވެ.
"މާލޭ ސިޓީ ކައުންސިލުން މަޝްރޫއުތައް ކުރިއަށްގެންދަނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށްތޯ ބަލައި އެކަން ރިވިއުކުރުމުގެ މަސައްކަތް ކުރާނީ ކެބިނެޓުން. ކެބިނެޓުން އެކަންކޮށް ނިމެންދެން ވަގުތީ ގޮތުން މަޝްރޫއުތައް މަޑުޖައްސާލަން ހައުސިން މިނިސްޓްރީން އަންގާފައި ވަނީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލަށް އަންގާފައި ވަނީ އާ މަޝްރޫއުތައް ނުފެށުމަށް ކަމަށާއި މިހާތަނަށް އަމަލީ ގޮތުން އެ ކައުންސިލުން ފަށާފައިވާ މަޝްރޫއުތަކުގެ މަސައްކަތް ކުރުމަށް އެ އެންގުމުގެ ސަބަބުން ހުރަހެއް ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓްރީން އެ އެންގުން އަންގާފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ ޒިންމާ އަދާކުރުމަށް ހުރަސްއެޅުމުގެ ގޮތުން ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނީ ކަމުގެ ހަގީގަށް އޮޅޭގޮތަށް ކަމަށެވެ.
"އެއީ ހަގީގަތެއް ނޫން. ހައުސިން މިނިސްޓްރީން މިއުޅޭނީ މާލޭ ސިޓީ ކައުންސިލްގެ މަސައްކަތަށް ހުރަސް އަޅައި ކަންކަން ހުއްޓުވާކަށް ނޫން. ކެބިނެޓުން ރިވިއުކޮށް ނިމެންދެން މަޝްރޫއުތައް ކުޑަކޮށް މަޑުޖައްސާލަން މި އެންގީ." ޑރ. މުއިއްޒު ވިދާޅުވި އެވެ.