22 Dec 2013, 15:54
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން އާންމުކުރި "ފީފާ ކޮކާކޯލާ ވޯލްޑް ރޭންކިން" ލިސްޓުން ރާއްޖެ 14 ދަރަޖަ ދަށަށް ވެއްޓިއްޖެ އެވެ.
ދުނިޔޭގެ ރޭންކިންގައި ރާއްޖެއަށް މިދިޔަ މަހު އަށް ދަރަޖައިގެ ކުރިއެރުމަކާއެކު 149 ވަނަ މަގާމު ލިބިފައިވީ ނަމަވެސް މިފަހަރުގެ މި ބޮޑު ވެއްޓުމާއެކު ރާއްޖެ ވަނީ ދުނިޔޭގެ ރޭންކިންގެ 163 ވަނައަށް ގޮސްފަ އެވެ. ފުޓްބޯޅައިގެ ރޭންކިންގައި ރާއްޖެ މިހާ ދަށަށް ގޮސްފައި މިވަނީ ނޮވެމްބަރު މަހު ސީޝެލްސްގައި ކުޅުނު މެޗުތަކުން ބަލިވެފައިވާތީ އެވެ.
މިފަހަރުގެ ރޭންކިންގައި ސާކު ސަރަހައްދުގައި ހިމެނޭ އެއްވެސް ގައުމަކަށް ކުރިއެރުމެއް ލިބިފައި ނުވާއިރު ހުރިހާ ގައުމެއްވެސް ވަނީ ރޭންކިންގައި ދަށަށް ގޮސްފަ އެވެ.
ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު 120 ޕޮއިންޓާއެކު ރާއްޖެ އޮތީ ސަރަހައްދުގެ ތިންވަނައިގަ އެވެ. 11 ދަރަޖައިގެ ވެއްޓުމަކާއެކު ސަރަހައްދުގެ އެއްވަނައިގައި އޮތް އަފްޣާން ދުނިޔޭގެ ރޭންކިންގެ 140 ވަނައަށް ވެއްޓިފައިވާއިރު ސަރަހައްދުގެ ދެވަނައިގައި އޮތް އިންޑިއާ ވަނީ ހަ ދަރަޖައިގެ ވެއްޓުމަކާއެކު ދުނިޔޭގެ 154 ވަނައަށް ވެއްޓިފަ އެވެ.
ސަރަހައްދުގެ ހަތަރުވަނައިގައި އޮތް ބަނގުލަދޭޝް އަށް ދަރަޖައިގެން ވެއްޓުމަކާއެކު ދުނިޔޭގެ ރޭންކިންގެ 164 ވަނައަށް ގޮސްފައިވާއިރު މި ސަރަހައްދުގެ ފަސް ވަނައިގައި އަވައްޓެރި ސްރީ ލަންކާ އޮތީ ތިން ދަރަޖަ ދަށަށް ގޮސް ދުނިޔޭގެ ރޭންކިންގެ 169 ވަނައިގަ އެވެ. ނޭޕާލް ހަތްދަރަޖަ ދަށަށް އަދި ޕާކިސްތާނު ފަސްދަރަޖަ ދަށަށް ވެއްޓިފައިވާއިރު އެ ދެގައުމު ދުނިޔޭގެ ރޭންކިންގައި އޮތީ 172 ވަނައިގަ އެވެ. ސަރަހައްދުގެ ފުލުގައި އޮތް ބޫޓާންގެ ރޭންކިންއަށް ބަދަލެއް އައިސްފައި ނުވާއިރު އެގައުމު އޮތީ ދުނިޔޭގެ ރޭންކިންގެ 207 ވަނައިގަ އެވެ.
ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އޮތް 20 ގައުމަށް ބަލާއިރު ދެ ދަރަޖައިގެ ކުރިއެރުމަކާ އެކު ބޮސްނިއާ ހެޒްގޮވިނާ ރޭންކިންގެ 19 ވަނައަށް ކުރިއަށް ޖެހިލިއިރު 19 ވަނައިގައި އޮތް ފްރާންސް ވަނީ 20 ވަނައަށް ވެއްޓިފަ އެވެ.
އެންމެ ކުރީގައި ހިމެނޭ 20 ގައުމުގެ ރޭންކިންއަށް އިތުރު ބަދަލެއް އައިސްފައި ނުވާއިރު ރޭންކިންގެ އެއްވަނައިގައި އޮތީ ދުނިޔޭގެ ޗެމްޕިއަން ސްޕެއިން އެވެ. ދެވަނައިގައި ޖަރުމަން އޮތްއިރު ތިންވަނައިގައި އޮތީ އާޖެންޓީނާ އެވެ. ހަތަރު ވަނައިގައި އޮތް ކޮލަމްބިއާއާ ޖެހިގެން ޕޯޗްގަލް، އޭގެ ފަހުން އުރުގުއޭ، އިޓަލީ، ސްވިޒަލެންޑް، ނެދަލެންޑްސް އޮތްއިރު ދިހަވަނައިގައި އޮތީ ބްރެޒިލް އެވެ.