އަންނަ އަހަރު ސްކޫލުތަކުގައި ކިޔަވައިދޭނެ ގުރުއާން ޓީޗަރުން ހޯދުމަށް ކުރި އިއުލާނަށް ކުރިމަތިލި މީހުންގެ އަދަދު މަދުވެގެން އިތުރު ގުރުއާން ޓީޗަރުން ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އަލުން އިއުލާން ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓަރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުލް މުހުސިން މުހައްމަދު މިއަދު ވިދާޅުވީ އަންނަ އަހަރު ރަށްރަށުގެ ސްކޫލުތަކަށް 69 ގުރުއާން ޓީޗަރުން ހޯދުމަށް މިމަހުގެ 17 އާއި ހަމައަށް ކުރި އިއުލާނާއި ގުޅިގެން މިހާތަނަށް ކުރިމަތިލާފައިވަނީ 30 މީހުން ކަމަށެވެ. އަދި އެ މީހުންނާއި އެކުގައި މިހާރު އިންޓަވިއު ކުރަމުންދާ އިރު ޓީޗަރުން ހަމަނުވާ ސްކޫލުތަކަށް ގުރުއާން ޓީޗަރުން ހޯދުމަށް މިހާރު އަލުން އިއުލާން ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިދުވަސްކޮޅަކީ ޗުއްޓީ ދުވަސްކޮޅުވުމާއި އެކު އަނެއްކާ ގެޒެޓުގައި އިއުލާން ކުރުމުން ގެޒެޓު ކުރިކަން ވެސް ގިނަ މީހުންނަކަށް ނޭނގެ. އެހެންވީމަ އަޅުނގަޑުމެން ރަށްތަކުގެ ކައުންސިލު އިދާރާގައާއި ސްކޫލުތަކުގެ ނޯޓިސްބޯޑުގައި އަލުން އިއުލާން މިހާރުވާނީ ހަރުކޮށްފައި،" މުހުސިން ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރީން ބުނީ ގުރުއާން ޓީޗަރުން ހޯދުމަށް މިހާރު އަލުން އިއުލާން ކޮށްފައިވާއިރު އެ އިއުލާނުގެ މުއްދަތު ހަމަވާނީ މިމަހުގެ 29ގައި ކަމަށެވެ. އަދި އެ މަގާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރުން މިމަހުގެ 29 އާއި 31 އާއި ދެމެދު އޮންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި އެ މަގާމުތަކަށް ގާރީ ކޯހުގެ ލެވެލް ހަތަރެއްގެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެ އެވެ.

ނަމަވެސް ޝަރުތުހަމަވާ ފަރާތެއް ނުލިބިއްޖެ ނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލު ކުރާ ގާރީ ކޯހެއްގެ ލެވެލް 1-3 ގެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ނުވަތަ ގްރޭޑް 10 ނުވަތަ ގްރޭޑް ހަތެއް ނިންމާފައިވުމާއެކު މާއްދާއާއި ގުޅުން ހުރި ދާއިރާއަކުން އެއް އަހަރުގެ މަސައްކަތު ތަޖްރިބާ ލިބިފައިވާ މީހުންނަށް ވެސް ކުރިމަތިލެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އެކަމަކު އެ މީހުންނަށް ވަޒީފާ ދޭނީ ކޮންޓްރެކްޓެއްގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އަންނަ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ސްކޫލަކަށް ވެސް ގްރުއާން ޓީޗަރުން ހަމަޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވަނީ މީގެ ކުރިން ވެސް ވިދާޅުވެފަ އެވެ.