22 Dec 2013, 15:01
ދ. ވާނީ ފަޅު ރަށެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން (އެލްޖީއޭ) އިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަރިހުން އެދިވަޑައިގެންފި އެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދ. ވާނީ ރައްޔިތުންގެ ތެރެއިން ބޮޑު ބައެއް ދ. ކުޑަހުވަދޫއަށް ބަދަލުކޮށްފައިވާތީ އެރަށް ފަޅު ރަށެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް ރައީސްގެ އަރިހުން އެދިވަޑައިގަތީ އެރަށުގައި މީހުން ދިރިނޫޅޭ އިރު އެރަށު ކައުންސިލަށް ކުރިމަތިލުމަށް އިލެކްޝަން ކޮމިޝަނުން ފުރުސަތު ހުޅުވާލުމުން އެކަމުގެ ސަބަބުން ކުރިމަގުގައި ހައްލުކުރަން ދަތި އިޖްތިމާއީ އަދި އިގްތިސާދީ މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ފެންނާތީ ކަމަށެވެ.
"ފަޅުރަށެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އެދެން ޖެހުނީ ދ. ވާނީ އަކީ މިވަގުތު މީހުން ދިރިނޫޅޭ ރަށެއް ނަމަވެސް ސަރުކާރުން އެރަށް ފަޅުރަށެއްގެ ގޮތުގައި ހަމަޖައްސައި އެކަން އިއުލާން ކޮށްފައިނުވާތީވެ ލޯކަލް ކައުންސިލް އިންތިހާބުގައި އެރަށު ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަނުން ހުޅުވާލުމުންނެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެލްޖީއޭއިން މިހެން ބުނެފައިވާއިރު ވާނީ ކައުންސިލަށް ވަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށް ވުރެ އިތުރަށް ކެންޑިޑޭޓުން ކުރިމަތިލާފައި ނުވާތީ އެ ކައުންސިލަށް ކުރިމަތިލި ފަސް މެންބަރުން އިންތިހާބަކާ ނުލައި ހޮވިފަ އެވެ. އަދި އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ވާނީން ވަނީ 194 މީހަކު ވޯޓުލުމަށް ރަޖިސްޓަރީ ވެސް ކޮށްފަ އެވެ.
ދ. ވާނީ ފަޅު ރަށެއްގެ ގޮތުގައި މީގެ ކުރިންވެސް ހަމަޖެއްސިފައި ނުވަނީ، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކުރިމަތިވި ސުނާމީއާ ގުޅިގެން އެރަށު ރައްޔިތުންގެ ބޮޑު ބައެއް އެ އަތޮޅު ކުޑަހުވަދޫގައި ކައުންސިލުގެ އެދުމުގެ މަތިން ބަދަލުވެ، ލާމަރުކަޒީ ގާނޫނުގެ މަތީން ވާނީ ރަށްވެހީން ކުޑަހުވަދޫގައި އާބާދުކޮށް، ރަޖިސްޓަރޭޝަންގެ މަސައްކަތް ސަރުކާރުން ފަށައި އެ މަސައްކަތް މިހާތަނަށް ވެސް މުޅިން ނިންމާ ލެވިފައި ނުވާތީ އެވެ.
މީހުން ދިރިނޫޅޭ ވާނީ މިހާރު ބޭނުންކުރަމުން އަންނަނީ ފުލުހުންނެވެ.