22 Dec 2013, 14:18
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން އައްޑޫ ހިންގި ހެރެތެރެ ރިސޯޓް އަލުން ހުޅުވައިގެން ހިދުމަތް ދޭން ފަށައިފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނީގެ ބޯޑު މެމްބަރަކު މިއަދު ވިދާޅުވީ މިމަހުގެ 15ން ފެށިގެން އެ ރިސޯޓް އަލުން ހުޅުވައިގެން ހިދުމަތް ދޭން ފެށީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޗެކްރިޕަބްލިކްގެ ޕްރާގުން ގަމަށް ޗާޓާ ދަތުރުތަކެއް ފަށަން ހަމަޖެހިފައި ވާތީ ކަމަށެވެ.
ހެރެތެރެ ރިސޯޓް އަލުން ހުޅުވި އިރު އެ ރިސޯޓު ވިއްކާލަން އެ ކުންފުނިން ވަނީ ބިޑަށް ހުޅުވާލައިފަ އެވެ.
"އަޅުގަނޑުމެން ކުރިން ވެސް ނިންމާފައި އޮތީ ރިސޯޓް ވިއްކާލެވެން ދެން މި އަހަރުގެ ސީޒަންގައި ހުޅުވައިގެން ހިދުމަތް ދޭން. މީގެ ބޭނުމަކީ އޮޕަރޭޝަން ހުއްޓާލުމުން ކުންފުންޏަށް ލިބޭ ގެއްލުންތައް ކުޑަކުރުން،" އޭނާ ވިދާޅުވި އެވެ.
އެ މެމްބަރު ވިދާޅުވީ ރިސޯޓް ވިއްކާލުމުގެ ކަންތައްތައް މިމަހުގެ ނިޔަލަށް ނިންމާލެވޭތޯ ކުންފުނިން ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށެވެ. އަދި ރިސޯޓް ވިއްކާލި ނަމަވެސް ޗާޓާ ދަތުރުތައް ކުރިޔަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރިސޯޓް ވިއްކާލަން ފަށާފައިވާ ޕްރޮސެސް ކުރިޔަށް އެބަދޭ. އެ ޕްރޮސެސް ކުރިޔަށް ދިޔަ ނަމަވެސް ރިސޯޓްގެ އޮޕަރޭޝަން ކުރިޔަށްދާނެ،" އެ މެމްބަރު ވިދާޅުވި އެވެ.
ހެރެތެރެ ރިސޯޓުގެ އޮޕަރޭޝަން މިދިޔަ ޖޫން މަހުގެ ތެރޭގައި ހުއްޓާލީ ކުންފުންޏަށް ވަމުންދާ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ކަމަށް ބުނެ އެވެ. އަދި އޭގެ ފަހުން އެ ރިސޯޓް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފް ހިއްސާވާ ޓްރީ ޓޮޕް އިންވެސްޓްމަންޓަށް ވިއްކާލަން ނިންމި އެވެ. ނަމަވެސް ކުންފުނީގެ ބޯޑު ބަދަލުވުމާ ގުޅިގެން އެ ނިންމުން ބަދަލުކޮށް އަލުން ރިސޯޓު ވިއްކާލަން ބިޑަށް ހުޅުވާލީ މި މަހުގެ ކުރީކޮޅު އެވެ.