22 Dec 2013, 13:56
ސުވިޒަލޭންޑުގެ އެފްސީ ބާސެލްއަށް ކުޅެމުން އަންނަ "އިޖިޕްޝަން މެސީ"ގެ ނަމުން މަޝްހޫރު ވެފައިވާ އުމުރުން 21 އަހަރުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހް ޣާލީ އަންނަ ޖެނުއަރީގައި ޕްރިމިއާލީގުގެ ލިވަޕޫލަށް ގެންނަން އުޅޭކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިސްރުގެ ގައުމީ ޓީމަށް ކުޅުނު 26 މެޗުން 17 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވާ ޒުވާން ފޯވާޑާ ހަވާލާދީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ އަދި "ޓީމް-މޭޓް" މުހައްމަދު ޒިކާ އާއި ހަވާލާދީ ޑެއިލީ މެއިލްގައި ބުނެފައިވަނީ، އަންނަ ޖެނުއަރީ ޓްރާންފާގައި ސަލާހް ލިވާޕޫލަށް ބަދަލުވާނެ ކަމަށާއި އަދި އޭނާގެ ސޮއި ލިބޭނޭ ކަމުގެ 99 އިންސަތަ ޔަގީންކަށް މިހާރު ވެސް ލިވަޕޫލަށް އެބަ އޮތް ކަމަށެވެ.
މިއަހަރުގެ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖްގައި ޗެލްސީއާ ދެކޮޅަށް ބާސެލް ކުޅުނު ދެ މެޗުގައި ވެސް ޗެލްސީ ކޮޅަށް ލަނޑު ޖެހި އަދި މިދިޔަ ސީޒަންގެ ޔޫރޮޕާ ލީގުގައި ޓޮޓެންހަމް ކޮޅަށް ވެސް ލަނޑު ޖަހާފައިވާ ހުނަރުވެރި ފޯވާޑް ލިވަޕޫލަށް ގެންނަން އުޅެނީ 12 މިލިޔަން ޕައުންޑުގެ ފީއަކަށް ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
މިސީޒަންގައި މިހާތަނަށް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލް އިން ޗެމްޕިއަންސް ލީގު ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ އިރު އެޓީމުން މިހާރުވެސް ވަނީ ޓީމުގައި ތިބި މުހިއްމު ކުޅުންތެރިންގެ މުސަތްގުބަލު އެޓީމާ އެކު ކުރިއަށް ގެންދިއުމަށް ކުޅުންތެރިންގެ އެއްބަސްވުން އާކުރުމުގެ މަސައްކަތް ފަށާފަ އެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު އެޓީމުގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް ވަނީ ހަތަރު އަހަރާ ބައިގެ މުއްދަތަށް ކުލަބުގައި މަޑުކުރުމަށް އެއްބަސް ވެފަ އެވެ.
ލިވަޕޫލް ވަނީ ޕްރިމިއާ ލީގުގައި ރޭ ކާޑީފް ސިޓީ އަތުން 3-1 އިން މޮޅުވެ 36 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނަ މަގާމަށް ކުރިއަށް ޖެހިލައިފަ އެވެ.