22 Dec 2013, 13:29
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އަތުން 4-2އިން މެންޗެސްޓާ ސިޓީ މޮޅުވެ ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލިއިރު އަމިއްލަ ދަނޑުގައި 3-1 އިން ވެސްޓްހޭމް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ ހަތްވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.
ފުލަމްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ރޭ ސިޓީ ކުޅުނު މެޗުގައި އެޓީމު ދެލަނޑު ޖަހާފައިވަނިކޮށް ފުލަމްއިން ވަނީ އެއްވަރު ކޮށްފަ އެވެ. އެގޮތުން މެޗުގެ 23 ވަނަ މިނިޓްގައި ސިޓީގެ ފުރަތަމަ ލަނޑު ޔާޔާ ޓޫރޭ ކާމިޔާބު ކުރިއިރު އެޓީމުގެ ދެވަނަ ލަނޑު 43 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ވިންސެންޓް ކޮމްޕެނީ އެވެ.
ދެވަނަ ހާފް ފެށިގެން ފަސްވަނަ މިނިޓުގައި ފުލަމްގެ ރިޗަޑްސަން ލަނޑެއްޖަހައި ނަތީޖާ 2-1 އަށް ބަދަލުކޮށްދީފައިވާއިރު ފުލަމްއަށް ނަތީޖާ ހަމަހަމަވީ 69 ވަނަ މިނިޓުގައި ކޮމްޕެނީ އަތުން ބައިކޮޅަށް ލަނޑެއް ވަދެގެންނެވެ.
ރޭގެ މެޗުގައި ސިޓީއަށް ދެވަނަ ފަހަރަށް ކުރިހޯދައިދިނީ ޖީސަސް ނަވާޒް އެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑު 83 ވަނަ މިނިޓުގައި ޖަހައިދިނީ ޖޭމްސް މިލްނާ އެވެ.
މި ނަތީޖާއާ އެކު މެނުއެލް ޕެލެގްރިނީގެ ސިޓީ 35 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމަށް ކުރިއަށް ޖެހިލިއިރު ފުލަމް އޮތީ 13 ޕޮއިންޓާއެކު ތާވަލުގެ 19 ވަނައިގަ އެވެ.
އޯލްޑް ޓްރަފޮޑްގައި ރޭ ވެސްޓްހެމް އަތުން ޔުނައިޓެޑް މޮޅުވި މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ޑެނީ ވެލްބެކް އެވެ. މިއީ 20 އޮކްޓޯބަރު 2012ގެ ފަހުން ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ވެލްބެލް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
ޔުނައިޓެޑްގެ ދެވަނަ ލަނޑު 36 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަދުނާން ޔަނުޒާއެވެ. މި ލަނޑަކީ ޔަނޫޒާ ޔުނައިޓެޑްގެ ދަނޑުގައި އެޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. 72 ވަނަ މިނިޓުގައި ޔުނައިޓެޑްގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ޔަނުޒާގެ ބަދަލުގައި ކުޅެން އެރި އޭޝްލީ ޔަންގު އެވެ. ރޭގެ މެޗުގައި ވެސްޓްހޭމް ކާމިޔާބުކުރި ހަމަ އެކަނި ލަނޑު 81 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކާލްޓަން ކޯލް އެވެ.
މި ނަތީޖާއާ އެކު ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައިވާއިރު އެޓީމު ވަނީ 28 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ. އަދި ރޭގެ މެޗުން ބަލިވުމުން ވެސްޓްހެމް އޮތީ 14 ޕޮއިންޓާއެކު ތާވަލުގެ 17 ވަނައިގަ އެވެ.