10 Dec 2010, 07:20
އުތުރުކޮރެޔާއަކީ ބޮޑުވަމުންދާ ނުރައްކަލެއް ކަމަށް އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް އެޑްމިރަލް މައިކް މުލެން ސިފަކުރައްވައިފިއެވެ. ޓޯކިޔޯގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި މުލެން ވިދާޅުވީ ނުރައްކާ ކިތަންމެ ބޮޑުވިނަމަވެސް އުތުރުކޮރެޔާއާ ދެކޮޅަށް ފިޔަވަޅު އަޅަންވާނީ އެޤައުމުން ކުރިމަތިވާ ނުރައްކަލާ މުނާސަބުވާފަދަ ގޮތަކަށް ކަމުގައެވެ. ޓޯކިޔޯގައި ޖަޕާނުގެ ބޮޑުވަޒީރާއެކު ކުރެއްވި މަޝްވަރާތަކުގައި އުތުރުކޮރެޔާގެ މައްސަލަ ހިމެނުނު ކަމަށްވެސް މުލެން ވިދާޅުވިއެވެ. ދެކުނު ކޮރެޔާގެ ސިފައިންނާ ގުޅިގެން އެމެރިކާ ދާދިފަހުންވަނީ ޢަސްކަރީ ތަމްރީންތަކެއް ބާއްވައި އުތުރުކޮރެޔާ ރުޅިއަރުވާލާފައެވެ. ކޮރެޔަން ޕެނިންސިއުލާއަށް އަތްގަދަ ކުރުމަށް އެމެރިކާ މަސައްކަތްކުރާ ކަމަށް އުތުރުކޮރެޔާއިން އަބަދުވެސް ތުހުމަތުކުރެއެވެ. ނަމަވެސް މިތުހުމަތުތަކަށް އެމެރިކާ އިންކާރުކުރެއެވެ. އުތުރުކޮރެޔާ ބުނާގޮތުން އެޤައުމުން ނިއުކްލިޔަރ ހަތިޔާރު އުފެއްދީ އެމެރިކާ ހިންގަފާނެ ޢުދުވާނަކުން ދިފާޢު ވުމަށްޓަކައި ނިއުކްލިޔަރ އައްޑަނައެއްގެ ގޮތުގައެވެ. އުތުރުކޮރެޔާއަށް ރައްދު ދެއްވަމުން މުލެން ވިދާޅުވީ ރީނދޫ ކަނޑަކީ ބައިނަލްއަޤްވާމީ ކަނޑެއް ކަމަށާ އެކަނޑުގައި އެމެރިކާއިން އަދިވެސް ޢަސްކަރީ ޙަރަކާތްތައް ހިންގާނެ ކަމުގައެވެ. މިދިޔަމަހު އުތުރުކޮރެޔާއިންދެކުނު ކޮރެޔާގެ ޖަޒީރާއަކަށް ބޮޑުބަޑިން ހަމަލާދިނުމުގެ ސަބަބުން ހަތަރުމީހަކު ވަނީ މަރުވެފައެވެ. މިމައްސަލާގައި ދެކުނު ކޮރެޔާގެ އިތުރުން އެމެރިކާއާއި ޖަޕާންވެސްވަނީ އުތުރުކޮރެޔާ ވަރަށްބޮޑަށް ކުށްވެރިކޮށްފައެވެ. ނަމަވެސް ދެކޮރެޔާގެ ދެމެދުގައި މައްސަލަތައް އުފައްދާ ޤައުމަކީ އެމެރިކާ ކަމަށް އުތުރުކޮރެޔާ ތުހުމަތު ކުރެއެވެ. -- ޖަވާދު