22 Dec 2013, 13:02
މިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓްފޮށި ބެހެއްޓި 16 ތަނެއްގައި، މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެތަންތަނުގައި ވޯޓްލުމަށް ރަޖިސްޓްރީ ކުރި މީހުން ރަށްވެހި ވެފައިވާ ރަށުގައި ވޯޓްލުމަށް މިހާރު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
އެއިލާނުގައި އަދި ބުނެފައި ވަނީ ހުޅުމާލެ އާއި ވިލިމާލޭގައި ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުން ވަނީ އެމީހުން ވޯޓްލާ ދާއިރާ އަށް މާލޭގައި ބަހައްޓާ ފޮށިތަކަށް ރަޖިސްޓްރީކޮށްފައި ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްފޮށި ބެހެއްޓި ތަންތަނުގެ ތެރެއިން މިފަހަރު ވޯޓްފޮށި ނުބަހައްޓަން ނިންމާފައިވާ ތަންތަނަކީ ގއ. ކޫއްޑޫއާއި އިންޑިއާގެ ނިއުދިއްލީ އާއި ސިންގަޕޫރާއި ލަންޑަނާއި ޑުސިޓްތާނީ މޯލްޑިވްސް (ބ. މުއްދޫ) އާއި ކުރެއްދޫ އައިލެންޑް ރިޒޯޓާއި ކޮކޯޕާލްމް ބޮޑު ހިއްޗާއި އެނބޫދޫ ވިލެޖާއި ފަން އައިލެންޑް ރިޒޯޓާއި ވިވަންތަ ކޮރަލް ރީފް މޯލްޑިވްސް (ކ.ހެނބަދޫ) އާއި ވެލިގަނޑު އައިލެންޑް ރިޒޯޓާއި ކޮންސްޓެނެންސް ހަލަވެލި (އއ. ހަލަވެލި) އާއި ކޮންރެޑް މޯލްޑިވްސް (އދ. ރަންގަލި ފިނޮޅު) އާއި ރޮބިންސަން ކްލަބް މޯލްޑިވްސް (ގއ. ފުނަމައުއްޑާ) އާއި ޖުމެއިރާ ދެވަނަ ފުށި (ގއ. މެރަދޫ) އާއި ޕާކް ހަޔަޓް މޯލްޑިވްސް ހަޑަހާ(ގއ. ހަޑަހާ) އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީމަހުގެ 18 ވަނަ ދުވަހު އެވެ.