ޖަޕާނުން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ފޮނުވި ރޮބޮޓު، ކިރޯބީއާ ހަވާލުކުރެވުނު ފުރަތަމަ މަސައްކަތް ފުރިހަމަކޮށް ސްޕޭސް ސްޓޭޝަންގެ ކޮމާންޑަރު، ކޮއިޗީ ވަކާޓާއާ ވާހަކަދައްކައިފި އެވެ.

އިންސާނެކޭ ދާދި އެއް ސިފައަކަށް ފަރުމާކޮށްފައިވާ ‘ހިއުމަނޮއިޑް’ ރޮބޮޓް ކިރޯބީ އަކީ ޖަޕާނުގެ އުފެއްދުމެކެވެ. ސްޕޭސް ސްޓޭޝަން ތެރޭގައި ކިރޯބީ އޭނާގެ ކޮމާންޑަރު ކޮއިޗީ ވަކާޓާއާ ވާހަކައްކާފައި ވަނީ ވެސް ޖަޕާނު ބަހުންނެވެ.

ބައްދަލުވީތީ އުފާކުރާ ކަމަށް ކިރޯބީ ގާތު ކޮމާންޑަރު ވަކާޓާ ބުންޏެވެ. އަދި ޒީރޯ ގްރެވިޓީ އެންވާރަމަންޓެއްގައި، ނުވަތަ ބިމުގެ ދަމާ ބާރު ނެތް ތަނެއްގައި އުޅެލަން ލިބުމުން ކުރެވޭ އިހުސާސް ތަކަކީ ކޮބައިތޯ ވަކާޓާ އެހިއެވެ.

“އަހަރެން މިހާރު އާދަވެއްޖެ. މިއީ އެއްވެސް މައްސަލައެއް ނޫން” ސްޕޭސް ސްޓޭޝަން ތެރޭގައި ފްލޯޓް ކުރަމުން ކޯބީ ބުންޏެވެ.

މި ތަހުލީލަކީ އިންސާނުން ދައްކާ ވާހަކަތަކާ ކުރާ ސުވާލުތަކަށް ކޯބީ ފަދަ ރޮބޮޓެއް ޖަވާބުދެނީ ކިހިނެއްތޯ ބަލަން ކުރާ ތަހުލީލުތަކެކެވެ. ކޯބީ ވަނީ ސުވާލުކުރުމުން ޖަވާބުދޭން ޕްރޮގްރާމް ކޮށްފައެވެ. އަދި ކޯބީގެ ބޮލަށް (ކޮމްޕިއުޓަރަށް) ފީޑުކޮށްފައިވާ ބަސްތައް ބޭނުންކޮށްގެން ކުރެވޭ ސުވާލަކަށް ނުވަތަ ދެއްކޭ ވާހަކައަކަށް ޖަވާބުދިނުމުގައި ބަސްތައް އަތުރާލަނީ ކިހިނެއް ކަމާ، އަތުރާލަން ދަސްކުރަނީ ކިހާ މިންވަރަކަށްތޯ ދެނެގަތުމަށް ކުރާ ތަހުލީލުތަކެކެވެ.