އިންސާނުން އަމިއްލަ އަށް އުފައްދާފައިވާ "އާޓިފިޝަލް"ހިތެއް ފުރަތަމަ ފަހަރަށް އިންސާނެއްގެ ހަށިގަނޑުގައި އިންދައިފި އެވެ.

އާޓިފިޝަލް ހިތް އިންދި ޑޮކްޓަރުންނާ ހަވާލާދީ އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް ބުނީ ފްރާންސްގެ ވެރިރަށް ޕެރިހުގެ ޖޯޖްސް ޕޮމްޕިޑޯ ހޮސްޕިޓަލުގައި އިއްޔެ ކުރި އޮޕަރޭޝަނަށް ފަހު ހިތް އިންދި ބަލިމީހާ ހޭއަރާފައިވާ ކަމަށެވެ.
ހިތް އުފެއްދި ކާމެޓް ބަޔޯމެޑިކަލް ފާމްގެ ވެރިޔާ މާސެލޯ ކޮންވިޓީ ވިދާޅުވި ކަމަށް ނޫހުން ބުނީ ހިތް އިންދުނީތީ އުފާކުރާ ކަމަށެވެ. އިންސާނެއްގެ އަސްލު ހިތަކަށް ވުރެ ދެގުނަ ބަރު އެ ހިތް މަދުވެގެން ފަސް އަހަރު ދުވަސްވަންދެން ހިނގާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ހިތް ބަދަލުކުރުމަށް ޓަކައި އޮޕަރޭޝަން ކުރަން ތައްޔާރުވަމުންދާ ބަލިމީހުންގެ ހިތް ހިންގުމަށް އެހީތެރިވެދޭ އާލަތްތައް މީގެ ކުރިން ވެސް ވަނީ އުފައްދާފަ އެވެ. ނަމަވެސް ހިތުގެ ބަދަލުގައި ބޭނުންކުރާނެ އާލާތެއް އުފެއްދި މިއީ ފުރަތަމަ ފަހަރެވެ.

ހިތް އިންދުމުގެ އޮޕަރޭޝަނުގައި ބައިވެރިވި ޑޮކްޓަރެއް ކަމަށްވާ އަލިއަން ކާޕެންޓިއާ ވިދާޅުވެފައި ވަނީ މި އާ އުފެއްދުމުން ހިތުގެ ބަލީގެ މީހުންނަށް އާއްމު އިޖުތިމާއީ ދިރިއުޅުމަކަށް ދެވޭނެ ކަމަށެވެ. އަދި ބޭހަށް ބަރޯސާ ކުރަން ޖެހޭ މިންވަރު ކުޑަވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ފްރާންސްގެ މާހިރުންގެ މިއުފެއްދުމަކީ އެގައުމަށް ލިބުނު ބޮޑު ފަޚުރެއް ކަމަށް އެގައުމުގެ ހެލްތު މިނިސްޓަރު މާރިސޯލް ޓޯރައިނީ ވަނީ ވިދާޅުވެފަ އެވެ.