22 Dec 2013, 12:07
މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫ ޕޮލިސްޓޭޝަންގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ހަތަރު ކުއްޖެއްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޚުލާސާ ބަޔާން ހުށަހެޅުން ބުރާސްފަތި ދުވަހަށް ޝެޑިއުލްކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޮތީ ދައުލަތުން ހުށަހަޅާފައިވާ ފޮޓޯތަކާއި ވީޑިއޯ ފްޓޭޖުތައް ހުރިހާ ފަރާތްތަކުގެ ހާޒިރުގައި ބެލުން ކަމަށެވެ.
"މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޮތީ ދައުވާ ކުރާ ފަރާތާއި ދައުވާ ރައްދުވާ ފަރާތްތަކުގެ ހާޒިރުގައި ދައުވާ ކުރާ ފަރާތުން ހުށަހަޅާފައިވާ ފޮޓޯތަކާއި ވީޑިއޯ ފްތޭޖުތައް ބެލުން. ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ޚުލާސާ ބަޔާން ހުށަހެޅުން. އެ ޝަރީއަތް ބާއްވަން ތާވަލްކޮށްފައި ވަނީ އަންނަ ބުރާސްފަތި ދުވަހު،" އޮފިޝަލް ވިދާޅުވި އެވެ.
މިހާރު އުމުރުން 18 އަހަރު ފުރިފައިވާ އެ ހަތަރު ކުދީންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު އެހަތަރު ކުދީން އިތުރު ބަޔަކާ އެކު ތިނަދޫ ޕޮލިސްޓޭޝަން ދޮދަށް އެއްވެ ފުލުހުންނަށް ހަމަލާދީ ޕޮލިސްޓޭޝަންގެ އިމާރާތަށާއި މުދަލަށް ގެއްލުންދީފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ދައުލަތުންނާއި ދައުވާ ރައްދުވާ ހަތަރު ކުދީން ހުށަހެޅި ހެކީންގެ ހެކިބަސް ވަނީ ނަގާފަ އެވެ.
ތިނަދޫ ޕޮލިސްޓޭޝަންގެ އިތުރުން ގދ. އަތޮޅު ކައުންސިލް އިދާރާ އާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި ވެސް ވަނީ ހުޅުޖަހައި އަންދާލާފަ އެވެ. އެ މައްސަލަތާކާ ގުޅިގެން އިތުރު 89 މީހެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ.