22 Dec 2013, 11:44
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވާލުމަށް ޚާއްސަ ޕްރޮގްރާމެއް އިމިގްރޭޝަނުން ފަށައިފި އެވެ.
ސަން އަށް ދެއްވި އިންޓަވިއުއެއްގައި އިމިގްރޭޝަންގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ މުނާޒު މިއަދު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން އަމިއްލައަށް، ވޮލަންޓިއާކޮށް ފުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ ޕްރޮގްރާމްގެ ދަށުން އެނބުރި ގައުމަށްދާން ބޭނުންވާ ބިދޭސީން މާދަމާ އިންފެށިގެން ޖެނުއަރީ ހަ ވަނަ ދުވަހާ ދެމެދުގެ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން ހަވީރު 5:00 އާ ދެމެދުގެ ވަގުތެއްގައި ދަރުމަވަންތަ ސްކޫލަށް ހާޒިރުވުމުން ފުރުމުގެ ކަންތައް ހަމަޖެހިގެންދާނެ ކަމަށް މުނާޒު ވިދާޅުވި އެވެ.
"ދަރުމަވަންތަ ސްކޫލަށް ހާޒިރުވުމުން އެމީހުން ފުރައިގެން ދިޔުމަށް ބޭނުންވާ ލިޔެކިޔުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެވޭނެ. އަދި ބިދޭސީމީހާ ފުރުމުގެ އިންތިޒާމް ހަމަޖެހުމުން އެއާޓިކެޓު ނެގުމަށް ހަމަޖެހިފައި ވަނީ ބިދޭސީ މީހާގެ އަމިއްލަ ހަރަދުގައި،" މުނާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަޒީފާދޭ ފަރާތުގެ އިހުމާލުން އަމިއްލައަށް ވަޒީފާ ދޫކޮށްލާފައި ފިލައިގެން އުޅޭ ބިދޭސީން ވެސް އެބަތިބި ކަމަށާއި ހަމައެއާ އެކު ގަސްދުގައި ބޮޑު މުސާރަ ހޯދުމުގެ މަގުސަދުގައި ވަޒީފާދޭ ފަރާތަށް ފިލައިގެން އުޅޭ ބިދޭސީން ވެސް އެބަތިބި ކަމަށެވެ. އެ ހުރިހާ ފަރާތްތަކަށް ވެސް މި ޕްރޮގްރާމްގެ ދަށުން އެނބުރި ގައުމަށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ފުރައިގެންދާ ބިދޭސީންނަށް ގައުމަށްދާތާ ހަ މަސް ދުވަސް ފަހުން ރާއްޖޭގެ އެމްޕްލޯޔަރަކާ ގުޅިގެން ރާއްޖެއައުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ނަމަވެސް މުއްދަތު ހަމަވާއިރު މި ޕްރޮގްރާމްގެ ބޭނުން ނުހިފާ ފަރާތްތަކުން އިމިގްރޭޝަންގެ ބެލުމުގެދަށް ގެނެސް އަނބުރާ ގައުމަށް ފޮނުވާލުމުން މަސައްކަތް ކުރުމަށް ރާއްޖެ އައުމުގެ ފުރުސަތު އިތުރަށް އެފަދަ މީހުންނަށް ނުދެވޭނެ ކަމަށް މުނާޒު ވިދާޅުވި އެވެ.