22 Dec 2013, 11:11
އދ. މަހިބަދޫގައި ރައްކާތެރި ބޯފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.
އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ މަހިބަދޫގައި ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގެ މަޝްރޫގައި ހިމެނޭ މީރުފެން އުފައްދާ ޕްލާންޓް ބަހައްޓާ އިމާރާތުގެ ބިންގާ އިއްޔެ އަޅާފައިވާ ކަމަށެވެ. އެމަޝްރޫއަށް މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ އެޖެންސީ ޔޫއެންއެފްސީސީގެ އެޑަޕްޓޭޝަން ފަންޑުން ގާތްގަނޑަކަށް 2.1 މިލިޔަން ޑޮލަރު ހަރަދުކުރާނެ ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ.
މަހިބަދޫގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ލިބިދިނުމަށް ހިންގާ އެމަޝްރޫއުގައި ހިމެނޭ މަސައްކަތްތަކަކީ ލޮނުފެން މީރުފެނަށް ބަދަލުކުރާ ޑީސެލިނޭޝަން ޕްލާންޓެއް ބެހެއްޓުމާއި ވާރޭފެން ނަގައި ރައްކާކުރާނެ ދެ ތާންގީ ހެދުމެވެ. އަދި އެގޮތުން ނަގާ ވާރޭފެނުން ޖަރާސީމު ނައްތާލާނެ ނިޒާމެއް ފެންޕްލާންޓްގައި ބަހައްޓާނެ ކަމަށް ވެސް އެންވަޔަރްމެންޓް މިނިސްޓްރީން ބުންޏެވެ.
އަދި ބުނީ އެ މަޝްރޫއުގެ ދަށުން މަހިބަދޫގެ ގޭގެއަށް ފެން ފޯރުކޮށްދިނުމަށް ބޭނުންވާ ސަޕްލައިނެޓްވޯކެއް ގާއިމްކުރާނެ ކަމަށެވެ. ފެން އުފެއްދުމުގައި ބޭނުންކުރާ ހަކަތަ އުފެއްދުމުގެ ހަރަދުކުޑަކުރުމަށް ޓަކައި ސޯލާ ޕެނަލް ބައްހައްޓާނެ ކަމަށް ވެސް ބުންޏެވެ.
މަހިބަދޫ ބޯފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ އެކަމަށް ޓަކައި އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމެވެ.