22 Dec 2013, 11:01
ކާޑިފް ސިޓީކޮޅަށް ލުއިސް ޒުއަރޭޒް ޖަހައިދިން ދެ ލަނޑާއެކު 3-1 އިން އެޓީމު ބަލިކޮށް ލިވަޕޫލް، އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއްވަނަ މަގާމަށް އަރައިފި އެވެ.
މި ނަތީޖާއާއެކު ތާވަލުގެ އެއްވަނަ ލިވަޕޫލަށް ލިބިފައިވަނީ 36 ޕޮއިންޓާއެކު އެވެ. ތާވަލުގެ ދެވަނައިގައި އޮތީ 35 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ތާވަލުގެ ތިން ވަނައިގައި އާސެނަލް އޮތްއިރު 33 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތީ ޗެލްސީ އެވެ. ރޭގެ މެޗުން ބަލިވި ކާޑިފް އޮތީ 17 ޕޮއިންޓާ އެކު ތާވަލުގެ 15 ވަނައިގަ އެވެ.
ލިވަޕޫލާއެކު ހަދާފައިވާ ކޮންޓްރެކްޓުގެ މުއްދަތު މިދިޔަ ހުކުރު ދުވަހު އިތުރު ކުރި ސުއަރޭޒް ރޭގެ މެޗުގައި ލިވަޕޫލަށް ކުރި ހޯދައިދިނީ މެޗުގެ 25 ވަނަ މިނިޓްގައި ލަނޑެއް ކާމިޔާބުކޮށްގެންނެވެ. އަދި އެޓިމުގެ ދެވަނަ ލަނޑު ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން 42 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ. އެ މެޗުގައި ލިވަޕޫލް ކާމިޔާބު ކުރި ތިންވަނަ ލަނޑު ފުރަތަމަ ހާފް ނިމެނިކޮށް ކާމިޔާބުކޮށްދިނީ ސުއަރޭޒް އެވެ.
ލިވަޕޫލްގެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ މިއީ ސުއަރޭޒްގެ ފަރާތުން އަނެއްކާވެސް އާދަޔާހިލާފް މޮޅު ކުޅުމެއް ފެނިގެން ދިޔަ މެޗެއް ކަމަށެވެ.
"މުޅި ޓީމު ގުޅިގެން ރަނގަޅު ޕާފޮމެންސެއް ދެއްކި މެޗުގައި ސުއަރޭޒްގެ ފަރާތުން އަނެއްކާވެސް ފެނިގެން ގޮސްފައި މިވަނީ ވަރަށް މޮޅުކުޅުމެއް،" ރޮޖާސް ބުންޏެވެ.
ރޮޖާސް ބުނީ ތާވަލުގެ އެއްވަނައަށް އެރުނަސް އަދި ޓައިޓްލް ހޯދިދާނޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ތާވަލުގެ ކުރި އަލުން ހޯދުމަށް މިރޭ އާސެނަލް ނުކުންނާނީ ޗެލްސީއާ ދެކޮޅަ ށެވެ. ދެ ޓީމަށް ވެސް މި މެޗު މުހިއްމުވާއިރު މި މެޗުން ބަލިވެއްޖެ ނަމަ އާސެނަލްއަށް ތާވަލުގެ ކުރި ހޯދަން ލިބޭ ފުރުސަތު ގެއްލޭއިރު މެޗުން މޮޅުވެއްޖެ ނަމަ ޗެލްސީއަށް ދެވަނަ މަގާމް ލިބޭނެ އެވެ. އަދި ޗެލްސީ ބަލިވެއްޖެ ނަމަ ތާވަލުގެ އެއްވަނަ މަގާމާއި އެ ޓީމާ ދެމެދު ފަސް ޕޮއިންޓަށް ފަރަގު ބޮޑުވާނެ އެވެ.