22 Dec 2013, 11:02
ރާއްޖެ ޓީވީން ބްރޯޑްކާސްޓްކުރި ކޮންޓެންޓަކާ ގުޅޭ ގޮތުން ސުޕްރީމު ކޯޓުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށައެޅި މައްސަލައެއް ބަލައި މާފަށް އެދުމަށް ރާއްޖެ ޓީވީއަށް އަންގައިފި އެވެ.
ރާއްޖެ ޓީވީން ބްރޯޑްކާސްޓްކުރި "މަގޭ ރިޕޯޓް" އާ ގުޅިގެން ސުޕްރީމު ކޯޓުން ހުށަހެޅި މައްސަލަ ނިންމި ގޮތް ހިއްސާކޮށް އުއްތަމަ ފަނޑިޔާރަށް، ބްރޯޑްކާސްޓިން ކޮމިޝަނުން ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ރާއްޖެ ޓީވީން 19 އޮކްޓޯބަރު 2013 ވަނަ ދުވަހުގެ ރޭ ފޮނުވި"މަގޭ ރިޕޯޓް"ގެ ކޮންޓެންޓްގައި ޤައުމީ ސަލާމަތަށް އުނިކަން އަންނަ ކޮންޓެންޓް ހިމެނޭ ކަމަށް ސުޕުރީމް ކޯޓުގެ ސިޓީގައި ބަޔާންކޮށްފައިވީ ނަމަވެސް އެފަދަ ކޮންޓެންޓެއް އެރިޕޯޓްގައި ހުރިކަން އެ ކޮމިޝަނުން މައްސަލަ ބެލުމުގައި ފާހަގަވެފައިނުވާ ކަމަށެވެ. ނަމަވެސް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ހިލާފްވެފައި ވާތީ މާފަށް އެދުމަށް އަންގާ ކަމަށެވެ.
"ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ (3)ގެ ދަށުން މާފަށް އެދި ބަޔާނެއް ނެރުމަށާއި އެއްވެސް ޝަރުތެއް ނެތި މި ބަޔާން 25 ޑިސެމްބަރު 2013ވާ ބުދަ ދުވަހުގެ ކުރިން އެއް ރޭ 08:00 އާއި 10:00އާ ދެމެދު ރާއްޖެ ޓީވީ އިން ޢާންމުކުރުމަށް ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް ކަނޑައަޅައި މި ކޮންޓެންޓްގެ ރިޕީޓް ބްރޯޑްކާސްޓްކުރާ ނަމަ ރިޕޯޓު އިސްލާޙުކުރުމަށް ފަހު މެނުވީ ބްރޯޑްކާސްޓް ނުކުރުމަށް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 1ގެ ދަށުން ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓެޑްއަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ." ބްރޮޑްކާޓިސް ކޮމިޝަންއިން ބުންޏެވެ.
ޝައުރުއީ ދާއިރާ އަށް އަމާޒުކޮށް ރާއްޖެ ޓީވީ އިން ފޮނުވި ރިޕޯޓްއަކާ ގުޅިގެން މާފަށް އެދުމަށް ރާއްޖެ ޓީވީ އަށް އަންގާފައިވާ އިރު އެ ރިޕޯޓަކާ ގުޅިގެން ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ ޔާމީނާއި ނިވްސް ހެޑް، އިބްރާހީމް ވަހީދު (އަސްވާޑު)ގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ވަނީ ފޮނުވާފަ އެވެ.
"ސަދޫމް ބާގައިގެ މީހުންގެ" ޝަރީއަތް ކުރި ގޮތް ދައްކުވައިދޭ ވީޑިއޯތަކެއް ހިމަނައިގެން ރާއްޖޭގެ ޝަރުއީ ނިޒާމަށް ފާޑުކިޔާފައިވާ އެ ރިޕޯޓުގައި، ސަދޫމް ބާގައިގެ މީހުން ޝަރީއަތް ކުރި ގޮތާއި ރާއްޖޭގެ ޝަރުއީ ނިޒާމާ އެއްވެސް ތަފާތެއް ނެތް ކަމަށް ބުނެފައިވެ އެވެ.
ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ހިމަނާފައިވާ ރިޕޯޓެއް ރިޕީޓްކޮށް، ރީބްރޯޑްކާސްޓް ކުރާ ނަމަ އެ ރިޕޯޓްގައިވާ ކޮންޓެންޓެއް އިސްލާހުކޮށްގެން ނޫނީ ނުފޮނުވުމަށް މީގެ ކުރިން ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ އަށް އަންގާފައިވެ އެވެ. އެއީ މި އަހަރުގެ ފެބްރުއަރީ އެއް ވަނަ ދުވަހު ގެނެސްދިން "ތިލަފަތް" ކިޔާ ޕުރޮގުރާމަކާއި ގުޅިގެނެވެ.
ރާއްޖެ ޓިވީ އިން މާފަށް އެދުމަށް ބުރޮޑްކާސްޓިން ކޮމިޝަނުން އަންގާފައިވާއިރު އެކޮމިޝަނުން ވަނީ ރާއްޖޭގެ އަމިއްލެ އެހެން ޓީވީއެއްކަމަށްވާ ވީޓީވީ އިން 17 ނޮވެމްބަރު 2013ވަނަ ދުވަހުގެ ރޭ 10:00 ން 11:00 ފޮނުވި ޕްރޮގްރާމްގައި "ސީމެގްގައި ތިބި ހައެއްކަ ކެނައިން" މިހެން ކިޔާފަވާ ކަމަށް އަދި ކޯޑާ ހިލާފު ކޮންޓެންޓް ގެނެސްދީފާ ކަމަށް ބުނެ އެކޮމިޝަނަށް ހުށައެޅި މައްސަލައެއް ބަލައި އެޕުރޮގުރާމްގައި ކޮންޓެންޓާއި ހިލާފެއް ނެތްކަމަށް ނިންމާފަ އެވެ.