އެމްބީއޭ ޗެމްޕިއަންޝިޕްގެ ދެވަނަ ބުރުގެ ފަހު މެޗުގައި ރޭ ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)އާ ވާދަކޮށް އަށް ޕޮއިންޓުގެ ތަފާތުން މެޗު ކާމިޔާބުކޮށް ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ގްރޫޕު ދޭއްގެ އެއްވަނަ ޓީމުގެ ގޮތުގައި ރެޑް ލައިން ކްލަބު (އާރުއެލްސީ) އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފޯރިގަދަ މެޗު 84-76 އިން އާރުއެލްސީ ކާމިޔާބުކުރިއިރު އެމެޗުގައި އެޓީމަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ އެޓީމަށް 29 ޕޮއިންޓު ހޯދައިދިން މުހައްމަދު ޒިލާލު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބުނީ ޒިލާލު އަށެވެ.

ރޭގެ މެޗުގައި ޑީއެސްސީއަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ 17 ޕޮއިންޓު ހޯދައިދިން އަހްމަދު އައުޝަން އެވެ.

މި ނަތީޖާއާއެކު ގްރޫޕު ދޭއްގެ އެއްވަނައި މަގާމް އާރުއެލްސީ ހޯދީ 16 ޕޮއިންޓާއެކު އެވެ. އަދި ޑީއެސްސީއަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. އެ ގްރޫޕުގައި ހިމެނޭ އެހެން ޓީމުތަކަށް ބަލާއިރު ގްރޫޕުގެ ތިންވަނައަށް ދިޔައީ 10 ޕޮއިންޓް ހޯދި ބީޖީ ސްޕޯޓްސް އެވެ. 10 ޕޮއިންޓާއެކު އެލްކިއު ސްޕޯޓްސްއަށް ހަތަރުވަނަ ލިބުނުއިރު ވީ ޔުނައިޓެޑް މުބާރާތް ނިންމައިލީ ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ ގްރޫޕުގެ ފުލުގައި އޮވެގެންނެވެ.

މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ހޯމަ ދުވަހު ހަވީރު ވާދަކުރާނީ ގްރޫޕް އެކެއްގެ ދެވަނަ ހޯދި ހަރިކޭން ބާސްކެޓްބޯލް ކްލަބާއި ޑީއެސްސީ އެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ހޯމަދުވަހުގެ ރޭ ވާދަކުރާނީ ގްރޫޕް އެކެއްގެ އެއްވަނަ ހޯދި ކްލަބު އީގަލްސްއާއި އާރުއެލްސީ އެވެ.