ޢިރާޤުގައި ހިނގި ކާރު އެކްސިޑެންޓެއްގައި ޤަތަރުގެ ޝާހީ ޢާއިލާގެ މެންބަރަކު އަވަހާރަވެއްޖެއެވެ. ޢިރާޤު ފުލުހުންގެ ތަރްޖަމާނެއްކަމަށްވާ މޭޖާ ރަޙީމް އައްދުލައިމީ ވިދާޅުވީ ޤަތަރުގެ ޝާހީ ޢާއިލާގެ މެންބަރެއް ކަމަށްވާ އައްޝައިޚް ޚަލީފާ ބިން ޢަބްދުﷲ އާލް ޘާނީ އަވަހާރަވީ ޖަނަވާރު ޝިކާރަކުރުމުގެ ދަތުރެއްގައި ޢިރާޤުގެ ހުޅަނގު ދެކުނުގެ ހިސާބެއްގައި މިދިޔަ އަންގާރަ ދުވަހު އުޅުއްވަނިކޮށް ހިނގި އެކްސިޑެންޓެއްގައެވެ. މިއެކްސިޑެންޓްގައި އައްޝައިޚް ޚަލީފާ ދަތުރުކުރެއްވި ކާރުކޮޅު އުއްޑުންޖެހި އޭނާއަށް ވަރަށްބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށާއި އޭނާގެ ޝިކާރަ ޤާފިލާގައި ހަތްވެހިކަލާއި ގިނަޢަދަދެއްގެ މީހުން ހިމެނޭކަން ދުލައިމީ ހާމަކުރެއްވިއެވެ. ގަލްފުގެ ޢަރަބި ޤައުމުތަކުގެ ޝާހީ ޢާއިލާތަކުގެ މެންބަރުންނަކީ ޝިކާރަކުރުމަށް ވަރަށް ލޯބިކުރާ ބައެކެވެ. -- ޖަވާދު