22 Dec 2013, 10:05
ދެކުނު ސޫދާނުގެ ހަމަނުޖެހުންތައް ހައްލު ކުރުމަށް ޓަކައި ރައީސް ސަލްވާ ކީރާ އެކު ބޭއްވެމުން ދާ ވާހަކަތަކުން ނަތީޖާ ހާސިލު ވުމުގެ އުއްމީދު ބޮޑު ކަމަށް، ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު މެދުވެރީންގެ ދައުރު އަދާ ކުރައްވާ ޑިޕްލޮމެޓުން ވިދާޅުވެއްޖެއެވެ.
ދެކުނު ސޫދާނުގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ކުރިމަތި ވެފައި ވާ ދަނޑިވަޅެއްގައި، ރައީސް ކީރްގެ ސަރުކާރާއި، ކުރީގެ ނާއިބު ރައީސް ރެއިކް މޭކަރަށް ތާއީދު ކުރާ ފަރާތްތަކާ ދެމެދު ސުލްހައިގެ ވާހަކަތައް ދެއްކުމުގައި މެދުވެރީންގެ ދައުރު އަދާ ކުރަނީ އެފްރިކާގެ އިއްތިހާދުން އައްޔަން ކުރި ޑިޕްލޮމެޓުންގެ ޓީމަކުންނެވެ. އެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ ހަބަޝާ ނުވަތަ އިތިއޯޕިއާ އާއި، ޖިބޫތީ އާއި، ކެންޔާ އާއި، ސޫދާނާއި، ޔުގާންޑާގެ ޚާރިޖީ ވަޒީރުންނެވެ.
ޑިޕްލޮމެޓުންގެ ޓީމުގެ ބޭފުޅުން ވަނީ އިއްޔެ، ވެރިރަށް ޖޫބާގައި، ރައީސް ކީރާ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ރައީސް ކީރް ވިދާޅުވީ އޭނާ ހުންނެވީ "ހަމަނުޖެހުންތައް ހުއްޓުވުމަށް ޓަކައި އެއްވެސް ޝަރުތެއް ނެތި ވާހަކަ ދައްކާން ތައްޔާރަށް" ކަމަށެވެ.
ބައްދަލުވުމަށް ފަހު ނޫސްވެރީންނާ ވާހަކަ ދައްކަވަމުން، ޑިޕްލޮމެޓުންގެ ޓީމުގެ ވެރިޔާ ތަދްރޫސް އަޒާނުމް ވިދާޅުވީ ވާހަކަތައް ކުރިޔަށް ދާ ކަމަށާއި އަދި ދަނީ ރަނގަޅު މިސުރާބަށް ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ. އަޒާނުމަކީ ހަބަޝާގެ ޚާރިޖީ ވަޒީރެވެ.
ދެކުނު ސޫދާނުގެ އަސްކަރިއްޔާ ދެ ބަޔަކަށް ބެހި، ސިފައިންގެ ދެ ޖަމާއަތުގެ ދެމެދުގައި ކުރިމަތިލުންތައް ފެށުނީ މި ދިޔަ ހަފުތާގެ އާދީއްތަ ދުވަހުއެވެ. ރައީސް ކީރް ތުހުމަތު ކުރައްވާ ގޮތުގައި ކުރިމަތިލުންތަކުގެ އަސްލަކީ ސަރުކާރާ ދެކޮޅަށް ގެންނަވާން ކުރީގެ ނާއިބު ރައީސް މޭކަރ އުޅުއްވި ނާކާމިޔާބު ބަޣާވާތެވެ.
މައްސަލަތައް ހައްލު ކޮށް، ދާޚިލީ ހަނގުރާމައެއްގެ ތުންފަތްމަތީން ދެކުނު ސޫދާން ސަލާމަތް ކުރެވޭތޯ އެފްރިކާގެ ޑިޕްލޮމެޓުން މަސައްކަތް ކުރައްވަމުން ގެންދަވާ އިރު، ވާހަކަތައް ކާމިޔާބު ކުރުމަށް އެހީތެރި ވުމަށް ޓަކައި އެމެރިކާގެ ޚާއްސަ މަންދޫބަކު ފޮނުވާން އެ ގައުމުން ވަނީ ނިންމައިފައެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވިދާޅުވެފައި ވަނީ، ދެކުނު ސޫދާނުގެ ރައީސް ކީރާ އެކު ބުރާސްފަތި ދުވަހު ފޯނުން މަޝްވަރާ ކުރައްވައިފައި ވާ ކަމަށާއި، ޚާއްސަ މަންދޫބު ޑޮނާލްޑް ބޫތު ވަރަށް އަވަހަށް ދެކުނު ސޫދާނަށް ވަޑައިގަންނަވާނެ ކަމަށެވެ.
"މި ވަގުތަކީ ދެކުނު ސޫދާނުގެ ލީޑަރުން ހަތިޔާރު އެޅި ޖަމާއަތްތައް ރޫޅައިލައްވައި، މަދަނީންނާ ދެކޮޅަށް ދެވޭ ހަމަލަތައް ވަގުތުން ހުއްޓުވައިލައްވައި، ނަސްލީ އަދި ސިޔާސީ ޖަމާއަތްތަކުގެ ރޯ ވެފައި ވާ ބަދަލު ހިފުމުގެ އަލިފާންގަނޑު ނިއްވައިލައްވާން ޖެހޭ ވަގުތު." ކެރީ ވިދާޅުވިއެވެ.
ހަފުތާއެއް ވެފައި ވާ ހަމަނުޖެހުންތަކުގައި، ދެކުނު ސޫދާނުގެ އެކި ސަރަހައްދުތަކުން މިހާރު އެތައް ސަތޭކަ ބަޔަކު ވަނީ މަރު ވެފައެވެ.
ސަރުކާރާ ދެކޮޅަށް، ކުރީގެ ނާއިބު ރައީސް މޭކަރަށް ބައިއަތު ހިފައިގެން ތިބި ސިފައިންނާއި އިދިކޮޅު ލީޑަރުންނާ އެކު ވާހަކަދެއްކުންތައް ބޭއްވެވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ކީރް މިދިޔަ ހަފުތާގެ ފަހުކޮޅު ވިދާޅުވިއެވެ. ނަމަވެސް، ފަރަންސޭސި ރޭޑިއޯއަށް ދެއްވި ބަސްދީގަތުމެއްގައި މޭކަރ ވިދާޅުވީ "ގަބޫލު ކުރެވޭނެ ހަމައެކަނި އިޚްތިޔާރަކީ ކީރް ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވުން" ކަމަށެވެ.
ދެކުނު ސޫދާނުގައި ހަމަނުޖެހުންތައް އިތުރު ވެފައި ވާ އިރު، ޔުގާންޑާގެ ސިފައިންގެ ޔުނިޓެއް އިއްޔެ ވަނީ ވެރިރަށް ޖޫބާއަށް ގޮސްފައެވެ. އެ ޔުނިޓުގެ މަސައްކަތަކަށް ވާނީ ޖޫބާގައި ތިބި ޔުގާންޑާގެ ރައްޔިތުން އެ ގައުމުން ބޭރަށް ގެންދިޔުމުގައި އެހީތެރި ވުމާއި، ޖޫބާގައި އަމަން ބެލެހެއްޓުމުގައި އެހީތެރި ވުމެވެ.
ދެކުނު ސޫދާނުގައި ތިބި އެ ގައުމުތަކުގެ ރައްޔިތުން ރައްކައުތެރި ތަންތަނަށް ގެންދިޔުމުގެ މަސައްކަތް އެހެން ބައެއް ގައުމުތަކުން ވެސް ވަނީ ފަށައިފައެވެ. ދެކުނު ސޫދާނުގެ ތެޔޮދަނޑުތަކުގައި މަސައްކަތް ކުރާ އެންމެ ބޮޑު އެއް ކުންފުނި ކަމަށް ވާ ޗައިނާ ނެޝަނަލް ޕެޓްރޯލިއަމުން ބުނެފައި ވަނީ، ތެޔޮދަނޑުތަކުގައި މަސައްކަތް ކުރާ ޗައިނާގެ ރައްޔިތުން ވެރިރަށް ޖޫބާއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދެކުނު ސޫދާނުގެ އެންމެ ބޮޑު އެއް ގަބީލާ ކަމަށް ވާ ޑިންކާއަށް ނިސްބަތް ވެވަޑައިގަންނަވާ ރައީސް ސަލްވާ ކީރް، އޭނާގެ ނާއިބު ރެއިކް މޭކަރ މަގާމުން ދުރު ކުރެއްވީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މޭކަރަކީ ގައުމުގެ ބޮޑު އެހެން ގަބީލާއެއް ކަމަށް ވާ ނުއަރ އަށް ނިސްބަތް ވެވަޑައިގަންނަވާ ބޭފުޅެކެވެ. މި ދެ ގަބީލާއަކީ ޒަމާނުއްސުރެ ދުޝްމަންކަމާއި އަދާވާތްތެރިކަމުގެ ތެރެއަށް ގެނބިފައި ވާ ދެ ގަބީލާއެވެ. 1990 އިގެ އަހަރުތަކުގެ ތެރޭގައި ދެ ގަބީލާގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި، ނުއަރ ގަބީލާގެ މީހުން ވަނީ ޑިންކާ ގަބީލާއާ ދެކޮޅަށް އަނިޔާވެރި ގަތުލުއާއްމެއް ހިންގައިފައެވެ.
ރައީސް ކީރް ވިދާޅުވެފައި ވާ ގޮތުގައި، މިދިޔަ އާދީއްތަ ދުވަހު، ހަމަނުޖެހުންތައް ފެށުނީ އޭނާ އެ ޕާޓީއަކަށް ނިސްބަތް ވެވަޑައިގަންނަވާ، އަދި ސޫދާނުގެ ވެރިކަން ކުރާ ޕާޓީ ސޫދާން ޕީޕަލްސް ލިބަރޭޝަން މޫވްމަންޓް (އެސްޕީއެލްއެމް) ގެ ބައްދަލުވުމެއް ކުރިޔަށް ދަނިކޮށް، ކުއްލިޔަކަށް އެތަނަށް އައި ބަޔަކު ބައްދަލުވުމުގެ ބައިވެރީންގެ ތެރެއަށް ބަޑި ޖަހާން ފެށި ހާދިސާއާ އެކުގައެވެ.
އޭގެ ފަހުން، ވެރިރަށް ޖޫބާގައި އިތުރު ކުރިމަތިލުންތަކެއް ހިނގާން ފެށީ ސަރުކާރަށް ވަފާތެރި ސިފައިންނާއި ވަކި ކުރެވުނު ނާއިބު ރައީސް މޭކަރަށް ވަފާތެރި ސިފައިންނާ ދެމެދުގައެވެ. ހަފުތާއެއްގެ ތެރޭގައި ހަމަނުޖެހުންތައް މުޅި ގައުމަށް ފެތުރިފައި ވާ އިރު، މިހާރު ޑިންކާ ގަބީލާ އާއި ނުއަރ ގަބީލާގެ ގޭންގުތައް ވެސް ހަތިޔާރާ އެކު އެއް ބަޔަކު އަނެއް ބަޔަކަށް ހަމަލަތައް ދެމުން ދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނާއިބު ރައީސްކަމުން ވަކި ކުރެވުނު މޭކަރ ވަނީ ސަރުކާރާ ދެކޮޅަށް ގެންނާން އުޅުނު ބަޣާވާތުގައި އޭނާގެ އަތެއް ނުވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ހުންނެވި ތަނެއް ވަނީ ނޭނގުމުގެ ތެރޭގައެވެ.
ހަމަނުޖެހުންތައް އެންމެ ބޮޑަށް އާއްމު ވެފައި ވާ ޖޮންގްލެއި ސްޓޭޓުގެ އަކޯބޯގައި ހުންނަ އަލިފުދާލުގެ އިމާރާތަށް އިއްޔެ ދިން ހަމަލާތަކެއްގައި އެ ތަނުގައި ތިބި އަލިފުދާލުގެ މުއައްޒަފުންގެ ތެރެއިން 13 މީހުން ވަނީ މަރައިލައިފައެވެ. އަލިފުދާލުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ހަތިޔާރާ އެކު ތިބި 2000 ވަރަކަށް މީހުން އެ އިމާރާތް ވަށައިލައި، ބަޑީން ދިން ހަމަލާތަކުގައި ސުލްހަ ބަލަހައްޓާ ލަޝްކަރަށް ނިސްބަތް ވާ އިންޑިއާ ސިފައިންގެ ދެ މީހަކު މަރު ވިއެވެ. އޭގެ އިތުރުން މަރު ވެފައި ވަނީ ރައްކައުތެރިކަން ހޯދުމަށް ޓަކައި އެ އިމާރާތުގެ ގޯތިތެރެއަށް ވަދެ ތިބި ޑިންކާ ގަބީލާގެ އާއްމުންގެ 11 މީހެކެވެ. އަލިފުދާލުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ހަމަލަ ދިން މީހުންނަކީ، ބެލެވޭ ގޮތުގައި، ނުއަރ ގަބީލާއަށް ނިސްބަތް ވާ މީހުންނެވެ.
އަލިފުދާލުގެ އިމާރާތުގައި ތިބި ހުރިހާ އެންމެން މިހާރު ވަނީ ވައިގެ މަގުން އެހެން ސަރަހައްދަކަށް ބަދަލު ކުރެވިފައެވެ. އޭގެ ތެރޭގައި ރައްކައުތެރިކަން ހޯދުމަށް ޓަކައި އެ އިމާރާތުގެ ގޯތިތެރެއަށް ޖަމާ ވެފައި ތިބި އާއްމުން ވެސް ހިމެނެއެވެ.
ދެކުނު ސޫދާނަކީ 2011 ވަނަ އަހަރާ ހަމަޔަށް، ސޫދާނުގެ ބައެކެވެ. ތެލުގެ މުއްސަނދިކަން ލިބިފައި ވާ ދެކުނު ސޫދާނަށް 2011 ވަނަ އަހަރު މިނިވަންކަން ލިބުނީ ދާޚިލީ ހަނގުރާމައަށް ނިމުމެއް ނައިސް ދިގުލައިގެން ދިޔުމަށް ފަހު، ދެކުނު ސޫދާނުގެ ލީޑަރުންނާއި ސޫދާނުގެ ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
ކްރިސްޓިއަން އާބާދީއެއް އޮންނަ ދެކުނު ސޫދާނަށް މިނިވަންކަން ލިބުނު ނަމަވެސް، އަމާން މުޖުތަމައެއް ގާއިމު ކުރުމުގައި އެ ގައުމުގެ ސަރުކާރަށް މިހައިތަނަށް ކާމިޔާބު ލިބިފައެއް ނުވެއެވެ.
ދެކުނު ސޫދާނުގެ ބަޖެޓުގެ 98 އިންސައްތަ ބަރޯސާ ވަނީ ތެލުން ލިބޭ އާމުދަނީއަށެވެ. ސޫދާން ވަކި ކޮށްލެވުނު އިރު، ގައުމުގެ ތެޔޮދަނޑުތަކުގެ 75 އިންސައްތަ ލިބުނީ ދެކުނު ސޫދާނަށެވެ.