ޔޫރަޕްގެ ޗެމްޕިއަންސް ޖަރުމަނުގެ ބަޔާން މިޔުނިކް ފުރަތަމަ ފަހަރަށް ފީފާ ކްލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްފި އެވެ.

ޗެމްޕިއަންސް ލީގާއި، ޖަރުމަނު ލީގާއި ޖަރުމަނު ކަޕުގެ އިތުރުން ޔުއެފާ ސުޕަކަޕް ވެސް މިސީޒަންގައި ކާމިޔާބުކުރި ބަޔާން އެ ކުލަބުގެ މިއަހަރުގެ ކާމިޔާބީގެ ތެރެއަށް ކްލަބު ވޯލްޑްކަޕް ޓްރޮފީ އިތުރުކުރީ މުބާރާތް ބޭއްވި ގައުމު ކަމަށްވާ މޮރޮކޯގެ ޗެމްޕިއަންސް ރާޖާ ކަސަބްލަންކާ 2-0 އިން ބަލިކޮށްފަ އެވެ.

ކްލަބު ވޯލްޑް ކަޕް ކާމިޔާބުކުރާ ފުރަތަމަ އެފްރިކާ ބައްރުގެ ޓީމަށް ވުމުގެ ޝަރަފް ހޯދަން ނުކުތް ރާޖާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މި މުބާރާތުގެ ތަށިގައި ތިންވަނަ ފަހަރަށް ބީހިލުމުގެ ޝަރަފް ހޯދުމަށް ނުކުތް ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޮލާގެ އިރުޝާދުގެ ދަށުން ބަޔާން ވަނީ އެ ކްލަބަކީ ދުނިޔޭގެ ޗެމްޕިއަންކަން ކަށަވަރު ކޮށްދިނުމުގައި ފުކެއްވެސް ދޫ ނުކޮށްފަ އެވެ.

މޮރޮކޯގެ މަރަކާޝް ސްޓޭޑިއަމްގަ ކުޅުނު ފޯރިގަދަ ފައިނަލްގައި ބަޔާންގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ހަތްވަނަ މިނިޓްގައި ބްރެޒިލްގެ ސެންޓަބެކް ޑެންޓޭ އެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 22 ވަނަ މިނިޓްގައި ޖަހައިދިނީ ތިއާގޯ އަލްސަންޓާރާ އެވެ.

ފީފާ ކްލަބު ވޯލްޑް ކަޕް 2000 ވަނަ އަހަރު ތައާރަފް ކުރި ފަހުން އެ މުބާރާތް އެންމެ ގިނައިން މިހާތަނަށް ކާމިޔާބުކޮށްފައިވަނީ، މުބާރާތް ދެފަހަރު ކާމިޔާބުކުރި ބްރެޒިލްގެ ކޮރިންތިއާންސް އާއި ބާސާ އެވެ. އަދި އެ މުބާރާތް 10 ފަހަރު ބާއްވާފައިވާއިރު ބްރެޒިލްގެ ކްލަބުތަކުން ވަނީ މުބާރާތް ހަތަރު ފަހަރު ހޯދައިފަ އެވެ.

ފީފާ ކްލަބު ވޯލްޑްކަޕްގެ ތިންވަނަ ހޮވި މެޗުގައި އިއްޔެ ދެކުނު އެމެރިކާގެ ޗެމްޕިއަން ބްރެޒިލްގެ އެތުލެޓިކޯ މިނެއިރޯ އާއި އޭޝިއާގެ ޗެމްޕިއަންސް ޗައިނާގެ ގުއަންޒޫ ބައްދަލުކުރި މެޗު 3-2 އިން ކާމިޔާބުކުރީ މިނެއިރޯ އެވެ. އެ މެޗުގައި މިނެއިރޯގެ ދެވަނަ ލަނޑު ޖަހައިދިން ބްރެޒިލް ފޯވާޑް ރޮނާލްޑީނިއޯ އަށް ރަތްކާޑު ދެއްކުމުގެ ސަބަބުން މެޗުގެ ފަހުވަގުތުކޮޅު އެޓީމު ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ.