22 Dec 2013, 09:56
މިޞުރުގެ ވެރިކަމުން ގަދަބާރުން ބަޣާވާތަކުން ވައްޓައިލެވިފައި ވާ ރައީސް ޑރ. މުޙައްމަދު މުރްސީއާ ދެކޮޅަށް އެ ގައުމުގެ ބާޣީ ސަރުކާރުން ކުރާ އެކިއެކި ތުހުމަތުތަކުގެ ލިސްޓަށް، ޖަލުން ފިއްލަވާން އުޅުއްވުމުގެ ތުހުމަތު އިތުރު ކޮށްފިއެވެ.
މިޞުރުގެ ޕްރޮސެކިއުޓަރުން މިއަދު އިއުލާން ކުރި ގޮތުގައި، 2011 ވަނަ އަހަރު މިޞުރުގެ ރައްޔިތުން އެއިރުގެ ޚުދުމުޚުތާރު ލީޑަރު ޙުސްނީ މުބާރަކުގެ ވެރިކަން ވައްޓައިލި އިންގިލާބު ގެނެވުނު އިރު ޖަލުގައި ހުންނެވި މުރްސީ ވަނީ އިންގިލާބުގެ ކަންތައްގަނޑުގެ ތެރޭގައި ޖަލުން ފިއްލަވާން މަސައްކަތް ކުރައްވައިފައެވެ. އެހެންކަމުން، އެ ކުށުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ކުރެވޭނެއެވެ.
ދެހާސް އެގާރަ ވަނަ އަހަރުގެ އިންގިލާބުގެ ކަންތައްގަނޑުގެ ތެރޭގައި ޖަލުން ފިއްލަވާން މަސައްކަތް ކުރެއްވި ކަމުގެ ދައުވާ، އެއިރު ޖަލުގައި ތިއްބެވި އަދި ފަހުން މިނިވަން ވެވަޑައިގެންނެވި އިޚްވާނުލް މުސްލިމޫންގެ އިތުރު 130 މެންބަރެއްގެ މައްޗަށް ވެސް ކުރެވޭނެއެވެ. އަލްޖަޒީރާގެ މުރާސިލުން ރިޕޯޓު ކޮށްފައި ވާ ގޮތުގައި، އެ 130 މެންބަރުންގެ ތެރޭގައި އިޚްވާނުގެ އިސް ލީޑަރުންގެ ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ.
މި ތުހުމަތު ތަހުގީގު ކުރުމުގައި އިސްކޮށް ހަރަކާތްތެރި ވެވަޑައިގަންނަވާ ފަނޑިޔާރު ޙަސަން ސާމިރު ވިދާޅުވީ މުރްސީ އާއި އިޚްވާނުގެ މެންބަރުންތަކެއް ޖަލުން ފިއްލަވާން މަސައްކަތް ކުރެއްވީ ފަލަސްޠީނުގެ ހަމާސް ޖަމާޢަތާއި ލުބުނާނުގެ ޙިޒްބުﷲ ޖަމާއަތުގެ އެހީތެރިކަމާއި މަދަދާ އެކުގައެވެ.
އަލަށް ފެންމަތި ކުރެވުނު ތުހުމަތުތަކާ ގުޅިގެން، އިޚްވާނުލްމުސްލިމޫންގެ އޮފިޝަލުން ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް ކަމަށާއި، އެއީ "އިންސާނީ ބުއްދިއަށް ކުރެވޭ ފުރައްސާރައެއް" ފަދަ ތާކުންތާކު ނުޖެހޭ ވާހަކަތައް ކަމަށެވެ.
ރައީސް މުރްސީގެ ގިޔާދަތުގެ ދަށުގައި އިސްލާމް ދީނަށް ނަސުރު ދިނުމަށް މަސައްކަތް ކުރާ ސަރުކާރެއް މިޞުރުގައި ގާއިމު ވުމާ ގުޅިގެން، ހުޅަނގުގެ ގައުމުތަކާއި ސަޢޫދީ ޢަރަބިއްޔާ އާއި ކުވައިތު ފަދަ ބައެއް ޢަރަބި ގައުމުތަކުގެ އެހީތެރިކަމާ އެކު، މިޞުރުގެ ލާދީނީ އަލްމާނީން ގުޅި އެކައްޗަކަށް ވެގެން ގެނައި ބަޣާވާތަކުން، އެ ސަރުކާރު ވައްޓައިލީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭގެ ފަހުން ބާޣީ ސަރުކާރުން ގެންދަނީ ރައީސް މުރްސީ އާއި އިޚްވާނުލް މުސްލިމޫން ޖަމާޢަތުގެ މެންބަރުންނާއި ލީޑަރުން މަރައި، ހައްޔަރު ކޮށް، އެކި ކަހަލަ ތުހުމަތުތަކުގައި އެ ބޭފުޅުންގެ މައްޗަށް ޝަރީއަތް ހިންގަމުންނެވެ.
ވެރިކަމުން ރައީސް މުރްސީ ވައްޓައިލުމަށް ފަހު، އެމަނިކުފާނާ ދެކޮޅަށް ތިން ފަހަރެއްގެ މަތީން ތަފާތު ދައުވާތައް ފެންމަތި ކޮށް އުފުލައިފައި ވާ އިރު، އޭގެ ތެރޭގައި ސުލްހަވެރި ގޮތުގައި މުޒާހަރާ ކުރި މީހުން މެރުމުގެ ކުށުގެ ދައުވާ އާއި، ހަމާސް ޖަމާޢަތާއި ޙިޒްބުﷲ ޖަމާއަތަށް ޖާސޫސް ކޮށްދިނުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. ޖާސޫސް ކޮށްދިނުމުގެ ދައުވާއާ ބެހޭގޮތުން މިޞުރުގެ ޕްރޮސެކިއުޓަރުން ތައްޔާރު ކުރި ލިޔުންތަކުގައި ބުނެފައި ވަނީ، އެއީ "މިޞުރުގެ ތާރީޚުގައި ގައުމާ ދެކޮޅަށް ހިންގުނު އެންމެ ނުރައްކައުތެރި ޖާސޫސީ ޖަރީމާ" ކަމަށެވެ.
ރައީސް މުރްސީއާ ދެކޮޅަށް އުފުލިފައި ވާ ސުލްހަވެރި ގޮތުގައި މުޒާހަރާ ކުރި މީހުން މެރުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް މި އަހަރުގެ ނޮވެންބަރު މަހު ފެށިފައި ވާ އިރު، އެހެން ދައުވާތަކުގެ އަޑުއެހުންތައް ފަށާނީ އަންނަ ޖަނަވަރީ މަހުއެވެ.
ޙުސްނީ މުބާރަކުގެ ވެރިކަން 2011 ވަނަ އަހަރު ވައްޓައިލެވުނު އިންގިލާބުގެ ހަމަނުޖެހުންތައް 18 ދުވަސް ވާންދެން ކުރިޔަށް ދިޔަ އިރު، އެ ދުވަސްކޮޅުގެ ތެރޭގައި މިޞުރުގެ އެކިއެކި ޖަލުތަކުން 20000 މީހުން ފިލައިގެން ސަލާމަތް ވެފައި ވެއެވެ.