ޒުވާނުންނާ ގުޅުވައިގެން ރާއްޖޭގައި އަބަދުވެސް ދައްކަނީ ފޮނި ވާހަކަތަކެކެވެ. އެއީ ގިނަ ސްކޮލާޝިޕްތަކެއް ހޯދައިދޭނެ ވާހަކައާއި ކުޅިވަރު ދަނޑުތަކެއް ހަދައިދިނުމާއި އެފަދަ އެތައް ވާހަކަތަކެކެވެ. ނަމަވެސް ޒުވާނުންނަށް ކުރިމަތިވެފައިވާ ހަގީގީ މައްސަލަތަކުގެ ވާހަކަތައް ނުދައްކާ ކަހަލަ އެވެ. އަހަރެންނަކީ ވެސް އުމުރުން 20 އަހަރުގެ ޒުވާނެކެވެ. ޒުވާނުންގެ ވިސްނުމާއި ދިރިއުޅުން ރަނގަޅަށް އެގެ އެވެ. ރާއްޖޭގެ އަދުގެ ހަގީގަތަކީ ޒުވާނުންގެ ބޮޑު ބައެއް މަގުން ކަސިޔާރުވެފައި ތިބުމެވެ. ފުރާވަރުގެ ކުދިންގެ ކިބައިން ފެންނަނީ ރަނގަޅު ޖީލަކަށް މަގުފަހިވާ ފަދަ މަންޒަރުތަކެއް ނޫނެވެ.

މިދިޔަ އަހަރާ ހަމައަށް ރާއްޖޭގެ އާބާދީ އަކީ 330652 މީހުންނެވެ. އަދި 15 އަހަރާއި 34 އަހަރާއި ދެމެދުގެ މީހުންގެ އާބާދީއަކީ 141056 އެވެ. ބޮޑުބައެއް ހިއްސާކުރަނީ ޒުވާނުންނެވެ. ޒުވާނުންނަކީ ގައުމުގެ ހުންގާނެވެ. މިއަދު ތަރުބިއްޔަތުވެ، މާދަމާ އިސް މަގާމުތައް ފުރަންތިބި މީހުންނެވެ. އެހެންކަމުން ޒުވާނުންނަކީ ރަނގަޅު އަގީދާއެއްގެ މަތީގައި ތިބި ހަރުދަނާ ބަޔަކަށް ވާންޖެހެ އެވެ. ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި އިސްނަގައި ދީނާއި ގައުމުގެ ދިފާއުގައި މަސައްކަތް ކުރެވޭނެ ހިތްވަރު ތިބި ބަޔަކަށް ވާންޖެހެ އެވެ.

މިއަދު މިގައުމުގެ ޒުވާނުންގެ ބޮޑު ބައެއްގެ ހާލަކީ ޖިންސީ އެދުންތަކުގައި ބަދެވިފައި ވުމާއި މަސްތުވެ ބިއްޖެހުމުގެ އިތުރުން ބައްޕަ ޖީބުން ކައިގެން ރީތި ސައިކަލްގައި ދުއްވުމޭ ބުނެވިދާނެ އެވެ. ނުވަތަ އިޝްޤީ ދުނިޔޭގައި ގަރަގުވުމެވެ. ތައުލީމީ ޒުވާނުންގެ ތެރެއިން ވެސް ކަންކަމަށް އިސްނަގައި ނުވަތަ ހަރަކާތްތެރި ޒުވާނުންނަކީ ގައުމުގެ ނިސްބަތުން މަދުބައެކެވެ.

މިމަހުގެ ތެރޭގައި ނެރެފައިވާ ޔޫއެންއެފްޕީއޭގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ސިއްހީ ދުޅަހެޔޮކަމާއި ދިރިއުޅުމާ ގުޅޭގޮތުން 1،200 އަށް ވުރެ ގިނަ ޒުވާނުން ހިމަނައިގެން ހެދި ސާވޭއަކުން ދައްކާ ގޮތުގައި އުމުރުން 18 އާއި 21 އަހަރުގެ ޒުވާނުންގެ ތެރެއިން 92 ޕަސެންޓް ކުދިން ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގާފައި ވަނީ ރުހިގެންނެވެ. އަދި އުމުރުން 15 އާއި 17 އަހަރުގެ 85 ޕަސެންޓް ކުދިން ވެސް އަމިއްލަ ރުހުމުގައި ޖިންސީ ގުޅުން ހިންގާފައިވާ އިރު އުމުރުން 15 އަހަރުން ދަށުގެ 65 ޕަސެންޓް ކުދިން ވެސް އަމިއްލަ ރުހުމުގައި ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް އެ ދިރާސާއިން ދައްކަ އެވެ.

"ކައިވެނިނުކޮށް ޖިންސީ ގުޅުން ހިންގުމަކީ އިސްލާމްދީނާއި ދިވެހިންގެ އާދަކާދަތަކާ ނުގުޅޭ ކަމަކަށް ވިޔަސް ރާއްޖޭގައި ޅައުމުރުގައި ޖިންސީ ގުޅުން ހިންގާ ކުދިންގެ އަދަދު ގިނަ،" ޔޫއެންއެފްޕީއޭގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ވަރި ގިނަވާ ވާހަކަ ދެކެވެ އެވެ. ނަމަވެސް އިނުމުގެ ކުރިން ގިނަ ބަޔަކު އުޅޭ ގޮތްތަކުގެ ވާހަކައެއް ނުދައްކައެވެ. މަސްތުތުވުމާއި ފާފަތަކަށް އަރައިގަންނަ ވާހަކަތައް ދައްކަ އެވެ. ނަމަވެސް އެކަމަށް މަގުފަހިވާ ބެލުން އާންމު ވެފައިވާ ފިލްމްތަކާއި ލަވަތަކުގެ ވާހަކައެއް ނުދައްކަ އެވެ. ދަރިން ބަސް ނާހާ ވާހަކަ ދައްކަ އެވެ. އެކުދިންނަށް ރަނގަޅު އަޅާލުމެއް ނުދެވޭ ވާހަކައެއް ނުދައްކަ އެވެ.

ބަދުއަހުލާގީ އަމަލުތަކާއި މަސްތުވެ ބިއްޖެހިފައިވާ ޒުވާނުން ދުވަހުން ދުވަހަށް އިތުރުވުމާއި ތައުލީމް ހުރި ނަމަވެސް ކަންކަމަށް އިސް ނެގުމުގައި ޒުވާނުން ފަހަތަށް ޖެހުމާއި ވަޒީފާއަށް ނުދާ ޒުވާނުން ގިނަވެ ކުއްތަކަށް އަރައިގަތުން އިތުރުވުމަކީ ހިތާމައިގެ ކޮޅެއް ނެތް ފަދަ ހިތާމަހުރި ކަންކަމެވެ. މިއީ އެންމެނަށް އެނގޭ ނަމަވެސް ބޮޑު ސިއްރަކަށް ވެދާނެ އެވެ. ނަމަވެސް މިއީ ކުޑަކޮށް ދައްކާލައިގެން ހުއްޓާލައިފި ނަމަ މާދަމާ މީގެ ބިރުވަރިކަން އިންތިހާއަށް ދާނެ މައްސަލަތަކެވެ. މިއަދުވެސް އޭގެ ބިރުވެރި ހިތާމެވެރި އަސަރުތައް މި މުޖުތަމައުއިން ދަނީ ފެންނަމުނެވެ. މާދަމާ މިގައުމާއި ހަވާލުވަން ތިބި ޒުވާނުންނަކީ އެފަދަ ފާހިޝް އަމަލުތަކުގެ ގަރަގުވެފައިވާ ބަޔަކަށްވާ ނަމަ ގައުމުގެ މުސްތަގުބަލުގެ ހާލާމެދު ވިސްނާލާށެވެ. އިލްމު ހުއްޓަސް ހިލްމެއް ނެތްނަމަ ލިބޭނެ މާ ބޮޑު ކާމިޔާބީއެއް ނޯންނާނެ އެވެ.

ދީނުގެ އަޅުކަންތަކަށް ފަރުވާކުޑަކުރުމާއި ނިވާކަން ކުޑަ ހެދުން ލައި މަގުތައް މަތީ "ކެޓްވޯކަށް" ހިނގުމާއި ފާހިޝްއަމަލުތައް ހިންގާ ފިލްމްތަކާއި ލަވަތައް ބެލުމަކީ ރާއްޖޭގެ އާއްމު ހާލަތެވެ. ނަމަވެސް ތައުލީމީ ދާއިރާއިގައި އެފަދަ ކަންކަން ދީނުގައި އޮންނަ ގޮތްކިޔައި ދިނުމެއް ރާއްޖޭގައި ނޯވެއޭ ވެސް ބުނެވިދާނެ އެވެ. ޕާކުތަކާއި އާންމު ތަންތަނުގައި ބަދު އަހުލާގީ އަމުލުތަކާއި ފާހިޝް އެކިއެކި އަމަލުތައް ހިންގުން އާންމުވެފައިވާ އިރު އެކަންކަމުގައި މައިންބަފައިންގެ ބޮޑު ޒިންމާއެއް ވެ އެވެ. ދަރިފުޅު ބޭރަށް ދަމުން "ގުރޫޕް ސުޓަޑީސް ހަދާށޭ" ނުވަތަ "ބިޓާއެކު ރައިޑަކަށް" ނުވަތަ "ރައްޓިއްސަކާއެކު ކޮފީއެއް ޖަހާލަން" ބުނެލާނެ އެވެ. ބެލެނިވެރިން މާބޮޑަށް އަޅާނުލާ ދަރިން އުޅޭ ނޫޅޭ ތަނެއް ބަލައި ނުލައޭ ބުނެވޭނެ ސަބަބުތައް އެބަހުއްޓެވެ. "ގްރޫޕް ސުޓަޑީސް ހަދަން" ކަމަށް ބުނެ ގެއިން ނުކުންނަ ބައެއް ކުދީން އެ ބުނާ "ސުޓަޑީސް"އެއް ހަދަނީ ކުލީ ކޮޓަރިތަކުގެ ނުވަތަ ޕާކްތަކުގެ އަށިތަކުގެ މަތިންތޯ ގިނަ ބެލެނިވެރިން ބަލައެއް ނުލަ އެވެ. އެކަން އެނގޭ ސަބަބަކީ އެފަދަ އަމަލުތައް މިހާ އާންމު ވެފައި ވާތީ އެވެ. ބެލެނިވެރިންގެ ޒިންމާ ނަގަންޖެހެ އެވެ.

"ދަރިންނަކީ މައިންބަފައިންނަށް ހަވާލުކުރެވޭ އަމާނާތެއް، އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު އެއް މަސްއޫލިއްޔަތު، އިސްލާމް ދީނުގައި ތަރުބިއްޔަތުގެ މާނައަކީ ސިއްޙީ ގޮތުންނާއި، ބުއްދީގެ ގޮތުންނާއި، ރޫހާނީ ގޮތުންނާއި، އަޚްލާޤީ ގޮތުން އިސްލާމްދީނުގައި އަންގަވާފައިވާ ހަމަތަކުގެ މަތިން ދީނުގެ އިރުޝާދު ތަކުގެ އަލީގައި ކުއްޖާ ތަރުބިއްޔަތު ކުރުން،" މިދިޔަ ހަފުތާގެ ހުކުރު ޚުތުބާއެއްގައި ބުނެފައިވެ އެވެ.

ތައުލިމީ ނިޒާމްގައި ހުރި މައްސަލަތަކަކީ ވެސް ފާހަގަކޮށްލަން ޖެހޭ ކަންކަމެވެ. މަންހަޖަށް ބަދަލުތައް ގެނަންޖެހެ އެވެ. ޒިނޭ އާއި މަސްތުވުމަކީ "ބޮޑު ފާފައެއް" މި ވަރަށް ބުނެގެން މިއަދުގެ މުޖުތަމައުއަކާ ނުގުޅެ އެވެ. އޭގެ ބަދަލުގައި އެކަންކަން ކުރުމުން މިދުނިޔޭގަޔާއި އާހިރަތުގައި ދިމާވާނެ ކަންކަން ކިޔަވައިދީ ބިރުވެރިކަން ހިތްތަކަށް ވެއްދުން މުހިންމެވެ. އަދި ހަމައެއާ އެކު ފާހިޝް އަމަލުތައް ހިންގާނަމަ ދިރިއުޅުމުގައި ދިމާވާނެ ގޮންޖެހުންތައް ކިޔަވައިދިނުން ނުވަތަ ދިރިއުޅުން ކާމިޔާބް ކުރުމަށް ކުރަންޖެހޭ ކަންކަން ކިޔަވައިދީ ތައްޔާރުކުރަންޖެހެ އެވެ.

"ދަރިވަރުން ކިޔަވާ ނިންމާލާއިރު، ފޮތުން ކިޔެވި އެއްޗަކަށް ވުރެ ބޮޑަށް ދިރިއުޅުމުގެ އަސާސްތައް ކިޔެވުމުގެ ތެރެއިން އެނގެން ޖެހޭ، އެހެންވެ، ލައިފް ސްކިލް އެޑިއުކޭޝަންގެ ދަށުން މުޖުތަމައުގައި ދަރިވަރުން އަދާކުރަން ޖެހޭ ޒިންމާތަކާއި މީހުންނާ ގުޅިގެން އުޅޭނެ ގޮތާއި ޖެހޭ މައްސަލަތައް ހައްލު ކުރުން ފަދަ ގިނަ ކަންތައްތަކެއް ކިޔަވައިދޭނެ،" މިސަރުކާރުގެ އެޑިއުކޭޝަން މިނިސްޓާ ޑރ. އައިޝަތު ޝިހާމް ވިދާޅުވި އެވެ.

މިސަރުކާރަކީ ޒުވާނުންނަށް ގިނަ ވައުދުތަކަކާ އެކު އައިސްފައިވާ ސަރުކާރެކެވެ. ޒުވާނުންގެ މުސްތަގުބަލަށް ކަންކަން ރާވާނަމަ ހަމައެކަނި ކިޔަވައިދީގެން ނުވަތަ މުނިފޫހި ފިލުވާނެ ތަންތަން ހަދައިދީގެން ވާކަށްނެތެވެ. ހަގީގީ މައްސަލަތަކަށް އަލި އަޅުވާލައި ހައްލު ހޯދަންޖެހެ އެވެ.

ޒުވާނުންގެ މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވި ގޮތުގައި ޒުވާނުން ގޯސްމަގު އިހުތިޔާރުކޮށްފައިވާތީ ޕީޕީއެމްގެ މެނިފެސްޓޯ އެކުލަވާލުމުގައި ވެސް އެކަންކަމަށް އަލިއަޅުވާލައި ހައްލުތަކެއް ހިމަނާފައިވާނެ އެވެ. އެގޮތުން ތައުލީމީ ނިޒާމަށް ބަދަލުގެނައުމާއި ވަޒީފާގެ ފުރުސަތުތައް ދިނުމަކީ ގޯސްމަގު އިހުތިޔާރް ކުރުމުން ދުރުކޮށްދެވޭނެ ކަންކަން ކަމަށް މަލީހު ވިދާޅުވި އެވެ. އަދި ޒުވާނުން ޝައުގުވެރިވާ ދާއިރާތަކުން ފުރުސަތު މިސަރުކާރުން ހޯދައިދޭނެ ކަމަށް ވިދާޅުވި އެވެ.

އާންމުވުން އިތުރުވެފައި ވަނީ ލަތުވެތި ކަމެކެވެ. ބަލިމަޑު ކަމެވެ. ގޯސް ކަންކަން އަބަދު ފެނި، ފެނި މާބޮޑު ކަމަކަށް އެކަންކަން ނުވާކަހަލަ އެވެ. ބައެއް ޒުވާނުންގެ އަމަލުތައް ވަނީ ހައްދުން ނައްޓައިފަ އެވެ. ދުނިޔެ ބަވަނަޔަވިޔަސް އިސްލާމުން ހުއްދަ ނޫން ކަމެއް، ހަލާލެއް ނުވާނެ އެވެ. އެކަންކަން އާންމުވެއްޖެ ނަމަ އޮތީ މުޅިން ވެސް ދެރަ އެވެ. ޒުވާނުންގެ ވާހަކަ ދައްކާއިރު މިދެއްނެވި ވާހަކަތައް ދައްކައި އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރަންޖެހެ އެވެ.