"މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2013"ގެ ލީޑިން ލަގްޒަރީ ރިސޯޓަކަށް ކޮންސްޓަންސް ހަލަވެލި ހޮވުނުއިރު މޯސްޓް ރޮމޭންޓިކް ރިސޯޓަކަށް ގިލިލަންކަންފުށި ހޮވިއްޖެ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން އިންތިޒާމްކޮށްގެން މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓްގައި ބޭއްވުމަށް ހަމަޖެއްސި އެވޯޑު ހަފްލާ މޫސުން ގޯސްވުމުގެ ސަބަބުން ފަހުވަގުތު ފަސްކުރުމަށްފަހު އެ ހަފްލާ މިރޭ ބޭއްވީ ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގަ އެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑް ހަފްލާގައި އެންމެ ގިނަ އެވޯޑް ލިބުނީ ތާޖު އެގްޒޯޓިކާ މޯލްޑިވްސް އެވެ. ލީޑިން އެފް އެންޑް ބީ ރިސޯޓުގެ އެވޯޑް ތާޖަށް ލިބުނުއިރު ލީޑިން ވެލްނެސް އެންޑް ސްޕާ ރިސޯޓް އެވޯޑްވެސް ލިބުނީ ތާޖު ރިސޯޓަށެވެ. ލީޑިން ވެލްނެސް އެންޑް ސްޕާ ބްރޭންޑަކަށް ހޮވުނީ އަރާމު ސްޕާ އެވެ. އަދި މިފަހަރުގެ ލީޑިން ބީޗް ރިސޯޓަކަށް ހޮވިފައި ވަނީ އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓް އެވެ.

ރާއްޖެއަށް ދަތުރުކުރާ ލީޑިން އިންޓަނޭޝަނަލް އެއާލައިނަކަށް ސްރީލަންކަން އެއާލައިން ހޮވުނުއިރު ލީޑިން ސިޓީ/އެއާޕޯޓް ހޮޓެލް އަކަށް ހޮވުނީ ހުޅުލޭ އައިލެންޑް ހޮޓެލް އެވެ. އަދި ލީޑިން ބިޒްނަސް ހޮޓެލްއަކަށް ޓްރޭޑާސް ހޮޓެލް ހޮވުނުއިރު ލީޑިން ކޮންފަރެންސް އެންޑް މީޓިން ރިސޯޓަކަށް ހޮވިފައިވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓެވެ. އަދި ލީޑިން ސީއެސްއާރު ޕްރޮގްރާމް އެވޯޑް ލިބުނީ ކުރުނބާ މޯލްޑިވްސް އަށެވެ.

ޖުމުލަ 23 ކެޓަގަރީއަކަށް މިފަހަރު އެވޯޑު ދީފައިވާއިރު، ލީޑިން އިކޯ ރިސޯޓް އެވޯޑް ލިބުނީ ސޮނޭވާފުއްޓަށެވެ. ލީޑިން ޑައިވް ރިސޯޓަކަށް ޕާކް ހަޔަތު ހަޑަހާ ހޮވިފައިވާއިރު ލީޑިން ޑައިވިން ސެންޓަރު އެވޯޑް ލިބުނީ ސަން ޑައިވިން ސްކޫލަށެވެ.

މިފަހަރުގެ ޓްރެވަލް އެވޯޑްސްގައި ލީޑިން ސާފް ރިސޯޓަކަށް ހޮވުނީ ޗާޔާ އައިލެންޑް ދޮންވެލި ރިސޯޓެވެ. އެކްޓިވިޓީ ވޯޓާސްޕޯޓްސް ސެންޓަރަކަށް ޕެރަޑައިސް ހޮވުނުއިރު ލީޑިން ލިވަބޯޑް ބްރޭންޑަކަށް ހޮވުނީ ވޮޔެޖަސް މޯލްޑިވްސް އެވެ. އަދި ލީޑިން ލިވަބޯޑް އެވޯޑް ލިބުނީ ދައިންކަނބާ އަށެވެ.

ލީޑިން އޯލް އިންކްލޫސިވް ރިސޯޓް އެވޯޑް ލަކްސް މޯލްޑިވްސްއަށް ލިބުނުއިރު ލީޑިން ފެމެލީ ރިސޯޓް އެވޯޑް ލިބުނީ ސެންޓާރާ ގްރޭންޑް މޯލްޑިވްސް އަށެވެ. އަދި ލީޑިންޑިޒައިނާ ރިސޯޓަކަށް ނިޔަމަ މޯލްޑިވްސް ހޮވުނުއިރު ލީޑިން ގެސްޓުހައުސް އަކަށް ހޮވުނީ މާފުށީ ވައިޓްޝެލް އެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި މިފަހަރު އަލަށް ތައާރަފް ކުރި ކެޓަގަރީތަކާ އެކު 23 ކެޓަގަރީއެއް ހިމެނޭ އިރު އެ ކެޓަގަރީތަކަށް އިންޓަނެޓް މެދުވެރިކޮށް ވޯޓުލުމަށް ހުޅުވާލި ފުރުސަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 116000 މީހުން ވޯޓު ދީފައިވެ އެވެ.

ކުރީ ފަހަރާ ޚިލާފަށް މިފަހަރުގެ އެވޯޑު ހާސިލްކުރި ފަރާތްތަށް ކަނޑައަޅާފައި ވަނީ އިންޓަނެޓްގެ ޒަރީއާއިން 40 އިންސައްތަ ވޯޓް، އަދި ބާކީ 60 އިންސައްތަ ވޯޓް މިނިވަން ޖަޖުންގެ ޕެނަލަކުން ދީގެންނެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑް ހަފްލާގައި މިފަހަރު މަޓާޓޯއިން ވަނީ، ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަ ކޮށްލެވޭ ތިންފަރާތަކަށް ހާއްސަ އެވޯޑް ތަކެއް ދީފަ އެވެ. އެގޮތުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް، މުހައްމަދު އުމަރު މަނިކަށް އެރުވިއިރު ސްޕެޝަލް ރިކޮގްނިޝަން އެވޯޑް ދީފައިވަނީ މަރްހޫމް ކަނޑި އަހްމަދު އިސްމާއިލް އަށެވެ. އަދި މޯސްޓް ސަޕޯޓިވް ރިސޯޓް އެވޯޑް ދީފައި ވަނީ ވިލާ ހޮޓެލްސް އަށެވެ.