21 Dec 2013, 20:15
ދެކުނު އޭޝިޔާގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް އާލާ ކުރުމަށް އުފައްދާފައިވާ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަންގެ މަސައްކަތްތައް ހަރުދަނާ ކުރަން ޖެހިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ބަނޑޮސް އައިލެންޑް ރިޒޯޓުގައި ސާކު އެސޯސިއޭޝަން އޮފް ސްޕީކާސް އެންޑް ޕާލިއަމަންޓޭރިއަންސްގެ ހަތްވަނަ ބައްދަލުވުން އިފްތިތާހުކޮށްދެއްވަމުން ރައީސް ޔާމިން މިއަދު ވިދާޅުވީ ބަވަނަވަމުން އަންނަ ދުނިޔެއެއްގައި ސަރަހައްދުގެ ރައްޔިތުންގެ އުމްމީދުތަކާ އެއް މިންވަރަކަށް ސާކުގެ މަސައްކަތްތައް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.
"ސާކު ގައުމުތަކުގެ ރައްޔިތުންގެ އުއްމީދުތަކާ އެއްވަރަށް ސާކުގެ މަސައްކަތްތައް ބައްޓަންކޮށް ހަރުދަނާ ކުރެވެން އެބަ ޖެހޭ. މެމްބަރު ގައުމުތަކުގެ މެދުގައި އޮތް ގާތް ގުޅުންތައް ބަދަހިކުރަން ބޭނުންކުރާ އާލާތެއްގެ އިތުރުން ދުނިޔޭގެ ސިޔާސީ މަޝްރަހު އަދި ބައިނަލްއަގުވާމީ ވިޔަފާރީގެ މަޝްރަހުގައި ސާކުގެ ތަމްސީލްކުރުންތައް އިތުރުކުރަން ޖެހޭ،" ޔާމިން ވިދާޅުވި އެވެ.
ރައީސް ޔާމިން ވިދާޅުވީ މިއީ ރާއްޖޭގެ ވެރިކަމާ އެމަނިކުފާނު ހަވާލުވެވަޑައިގެން ފަހުން ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ބައްދަލުވުން ކަމަށާއި އެމަނިކުފާނު ކުރިން ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި 20 ވަރަކަށް އަހަރު ދުވަހުގެ ސަބަބުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މަސައްކަތްތައް ވަރަށް ގާތުން ދެނެވަޑައިގަންނަވާ ކަމަށެވެ.
ރާއްޖޭގެ ތާރީހުގައި ވޭތުވެ ދިޔަ 10 އަހަރު ދުވަހަކީ މުހިއްމު އަހަރުތަކެއް ކަމަށާއި އެ ދުވަސްތަކުގައި ގާނޫނީ އަދި ވެރިކަންކުރުމުގެ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ބަދަލުތަކުގެ އެންމެ ބޮޑު ބައެއް ކުޅެފައި ވަނީ 2008 ވަނަ އަހަރު ތަސްދީގު ކުރި ގާނޫނު އަސާސީ ކަމަށް ރައީސް ވިދާޅުވި އެވެ.
ސާކުގެ މަސައްކަތްތައް ހަރުދަނާކުރުވަން ޖެހޭ ކަމަށް ބުނެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ވަނީ މިމޭރުމުން ވާހަކަފުޅު ދައްކަވާފަ އެވެ. މީގެ ދެ އަހަރު ކުރިން 2011 ވަނަ އަހަރު ރާއްޖޭގައި ބޭއްވި 17 ވަނަ ސާކު ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ސާކަކީ ހަމައެކަނި ވާހަކަދައްކާ ޖަމިއްޔާއަކަށް ވެގެން ގޮސްފައިވާ ކަމަށާއި އެކަން ބަދަލުކުރަން ޖެހޭ ކަމަށެވެ.