ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔާފާރި ކުރާ ފަރާތްތަކުގެ "ގިރުވާނުގައި ހިފަހައްޓާލާ ވަރަށް ފުލުހުންގެ އަތް ދިގުކޮށްލާނެ" ކަމަށް ޕޮލިސް ކޮމިޝަނަރު ޙުސައިން ވަޙީދު ވިދާޅުވެއެއްޖެ އެވެ.

ސީޕީ އެ ގޮތަށް ވިދާޅުވީ ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅެއްގައި އެ ރަށު ޕޮލިސް ސްޓޭޝަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ފުލުހުންނާއި ބައްދަލުކުރައްވައި ހުސައިން ވަހީދު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަސްތުވާތަކެތީގެ ވަބާ ކަމަށާއި އެހެނިހެން ކުށްތައް ކުރުމުގެ އަސްލަކަށް ވެފައި ވަނީ މަސްތުވާތަކެތި ކަމަށެވެ.

ފުވައްމުލަކުގައި ވެސް ހުރިހާ މައްސަލަތަކެއްގެ އަސްލަކީ މަސްތުވާތަކެތި ކަމަށާއި މުޖުތަމައު ކުށްކުރާ ފަރާތްތަކުގެ ކިބައިން ސަލާމަތްކުރުމަށް ރަނގަޅުން ކުރަންޖެހޭ އެތައް ކަމެއް ހުރިކަން ފާހަގަކުރައްވައި އެކަންތައްތައް ހައްލުކުރުމަށް ވެސް ވަރަށް އަވަހަށް މަސައްކަތް ފަށައި ގަންނާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

ހުސައިން ވަހީދު ވިދާޅުވީ މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް އަތުލައިގަނެ އެމީހުންގެ މައްޗަށް ކޯޓުގައި މައްސަލަތައް ސާބިތުކުރުމަށް ބޭނުންވާ ވަރަށް ހެކި ހޯދުމަށް ފުލުހުންގެ މަސައްކަތްތައް ތަރުތީބުކުރާނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ ގިރުވާނުގައި ހިފަހައްޓާލެވޭ ވަރަށް ފުލުހުންގެ އަތް ވަރަށް އަވަހަށް ދިގުކޮށްލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަސްތުވާތަކެތި އެތެރެކޮށް، ވިޔާފާރިކޮށް ޒުވާން ކުދިން އެ ވަބާގައި ޖެއްސުމަށް މަސައްކަތްކުރާ ފަރާތްތަކުން އެ މަސައްކަތް ހުއްޓާލުމަށް ވެސް ހުސައިން ވަހީދު ގޮވާލެއްވި އެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ހާއްސަ މަސައްކަތްޕުޅުތަކެއް ފައްޓަވާފައިވާކަން ފާހަގަ ކުރައްވައި ސީޕީ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ސިއްރާއި ފާޅުގައިވަރަށް ބާރަށް ފުލުހުންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ކަމަށް ހުރިހާ ފުލުހުން ކަމަރު ބަނދެގެން ތިބި ކަމަށް ވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވި އެވެ.