ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޖަމިއްޔާ ސާކުގެ ގައުމުތަކުގައި ގާނޫނު ހަދާ މަޖިލީސްތަކުން ކޮށްފައިވާ ބަރުލަމާނީ ތަޖުރިބާތައް އެއް ގައުމުން އަނެއް ގައުމާ ހިއްސާކުރުމަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ކަމަށްވާ ލޯކް ސަބާގެ ރައީސާ ޝްރީމަތީ މީރާ ކުމާރު ގޮވާލައްވައިފި އެވެ.

އެސޯސިއޭޝަން އޮފް ސާކް ސްޕީކާސް އެންޑް ޕާލިއަމަންޓޭރިއަންސްގެ ހަތް ވަނަ ބައްދަލުވުމުން އިފްތިތާހު ކުރި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މީރާ ވިދާޅުވީ ދެކުނު އޭޝިޔާގެ ގައުމުތަކަކީ ބަރުލަމާނީ ދިގު ތާރީހެއް އޮތް ގައުމުތަކެއް ކަމަށާއި އެއްގައުމުން އަނެއް ގައުމުގެ ބަރުލަމާނީ ހަޔާތުން ފިލާވަޅުތަކެއް ހާސިލް ކުރެވޭނެ ކަމަށެވެ.

"ދެކުނު އޭޝިޔާއަކީ ދުނިޔޭގެ އެންމެ ގިނަ މީހުން ތަމްސީލްކުރާ އެއް ސަރަހައްދު. ހަމައެއާ އެކު ބަރުލަމާނީ ދިގު ތާރީހެއް ވެސް މި ސަރަހައްދުގައި އެބަ އޮތް. މި ތާރީހުގެ ތަޖުރިބާތައް އެއް ގައުމުން އަނެއް ގައުމާ ހިއްސާކުރަން އެބަޖެހޭ. ސާކްގެ ގައުމުތަކަށް އެއް ގައުމެއް އަނެއް ގައުމެއްގެ ކިބައިން މުހިއްމު ފިލާވަޅުތަކެއް މިގޮތަށް ހޯދިދާނެ،" ޝްރީމަތީ މީރާ ވިދާޅުވި އެވެ.

މީރާ ވިދާޅުވީ ޑިމޮކްރަޓިކް ނިޒާމެއްގައި ރައްޔިތުންގެ ބާރުވެރިކަން އެންމެ ބޮޑަށް ފެނިގެންދާ އެއް މުއައްސަސާއަކީ ގާނޫނު ހަދާ މަޖިލިސްތައް ކަމަށާއި އެ މަޖިލިސްތަކުގެ މެމްބަރުންގެ މަސައްކަތް މިހާރަށް ވުރެ ބޮޑަށް ހަރުދަނާކުރަން ޖެހިފައިވާ ކަމަށެވެ.