21 Dec 2013, 18:46
އަންނަ މަހު 18ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފައިވާ ތަން ބަދަލުކުރަން ހުޅުވާލި ފުރުސަތުގައި އާންމުންގެ ފަރާތުން ލިބެމުންދަނީ "ފިނި" ތަރުހީބެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނެފި އެވެ.
އީސީން ބުނީ ރީރަޖިސްޓްރީ ކުރަން މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލުމުން އިއްޔެއާ ހަމަޔަށް ކޮމިޝަނަށް ލިބިފައި ވަނީ 94 ފޯމް ކަމަށެވެ. އެއީ ބުރާސްފަތި ދުވަހު ހުށަހެޅި 64 ފޯމާއި އިއްޔެ ހުށަހެޅި 30 ފޯމު ކަމަށް އިލެކްޝަނުން ބުންޏެވެ.
އީސީގެ ސެކަރެޓަރީ ޖެނަރަލް އާސިމް އާސިމް އަބްދުއްސައްތާރު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ރަށް ވެހިވެފައިވާ ރަށް ނޫން އެހެންތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އަށް މުއްދަތު ހަމަވުމުގެ ކުރިން ވީ އެންމެ އަވަހަކަށް ރަޖިސްޓްރީވުމަށް އެދޭ ކަމަށެވެ.
"ކައުންސިލް އިންތިހާބުގެ ރީރަޖިސްޓްރޭޝަނަށް ހުޅުވާލުމުން މިހާތަނަށް ލިބިފައިވަނީ ފިނި ތަރުހީބެއް. އީސީގެ ވަރަށް ބޮޑު ރިކުއެސްޓެއް ފަހު ވަގުތަށް ނުތިއްބަވައި، ވީ އެންމެ އަވަހަކަށް ރީރަޖިސްޓްރޭޝަން ނިންމާލުން،" އީސީގެ ސެކަރެޓަރީ ޖެނަރަލް ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރީރަޖިސްޓްރޭޝަނަށް ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. އަދި ހުކުރު ދުވަސްތަކުގައި ވެސް މެންދުރުފަހު 2:30 އިން ހަވީރު 5.00 އަށް ފޯމް ބަލައިގަންނާނެ ކަމަށް އީސީން ބުންޏެވެ.
އެހެންތަނެއްގައި ރަޖިސްޓްރީ ވުމަށް ހުށަހަޅަން ޖެހޭ ފޯން އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި އެ ކޮމިޝަނުގެ އިދާރާއިންނާއި ހުރިހާ ރަށެއްގެ ރަށު ކައުންސިލްތަކުގެ އިދާރާތަކުންނާއި އައްޑޫ ސިޓީ ކައުންސިލްގެ ޑިޕާޓްމެންޓްތަކުން ލިބެން ހުންނާނެއެވެ.
ރަޖިސްޓްރީވުމަށް އެދި ކޮންމެ މީހަކަށް ގިނަވެގެން ހުށައެޅޭނީ 10 ފޯމް ކަމަށް ވެސް އީސީން ބުންޏެވެ.