10 Dec 2010, 06:45
ހދ. ކުޅުދުއްފުށީ "ބަހާދަރު" ބޯޓް ބަނދަރަށް ވަންނަނިކޮށް އެ ރަށު ކަނޑިންމައިގެ ފައިކަށްޓަށް އަރާ އަޑިޔަށް ހިނގައްޖެއެވެ.
ބަހާދަރު ބޯޓު ބަލަހައްޓަމުން އަންނަ މިތުރު ކުންފުނީގެ ވެރިޔާ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ގިނަ އަދަދެއްގެ މުދަލާއެކު ބަހާދުރު ބޯޓު އަޑިޔަށް ދިޔައީ މިއަދު ހެނދުނު 7:35 ގައި ކަމަށެވެ. މި ހާދިސާގައި މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ. ބޯޓު ފެތުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެންމެން ވަނީ ސަލާމާތްކޮށް ބަނދަރަށް ބާލާފައެވެ.
ޒުހެއިރު އިތުރަށް ވިދާޅުވީ ހާދިސާގައި ލިބުނު ގެއްލުން އަދި ސާފު ނުވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މިފަހަރު ވެސް ބޯޓު އަޑިއަށް ދިޔައީ އާންމުންގެ ގިނަ އަދަދެއްގެ މުދާ ހިފައިގެން ދަތުރުކޮށް ރަށުގެ ފަޅަށް ވަންނަނިކޮށް ކަމަށެވެ. އެހެން ދިމާވީ ނެރުން ވަންއިރު އޮއި ހުރި ގޮތުން އެންމެ ރަނގަޅު ދަނޑިވަޅުގައި އަނބުރައި ނުލެވިގެން ކަމަށް ވެސް ޒުހައިރު މިއަދު ބުންޏެވެ.
ބަހާދަރު އަޑިއަށް ގޮސްފައި ވަނީ 150 ށް ވުރެ ގިނަ މީހުންނާއި މުދަލާއެކު ފަޅަށް ވަންނަނިކޮށް ކަނޑިންމައިގެ ބޭރުން ބީހި ބަނޑުފިލައިން 20 ފޫޓަށް ވުރެ ބޮޑަށް ފަޅައިގެން ގޮސްގެނެވެ. މިހާ ދިސާއަށް ފަހު ފަޅައިގެން ދިޔަ ތަނުގައި ފިލާ ޖަހައިގެން ދިޔަވުން ކުޑަކުރެވުނު ބޯޓުގެ ފަލްކާތަކަށާއި އިންޖީނު ރޫމަށް ދިޔަވެ ވަރަށް ގިނަ މުދާ ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފަ އެވެ.
ގާތްގަނޑަކަށް 99 ފޫޓު ހުންނަ ބޯޓުގެ ބަނޑު ފިލާ ބެއްދުމަށް ފަހު ހަލާކުވެފައިވާ ކާބޯތަކެއްޗާއި އެހެނިހެން މުދާ ވަނީ ބަނދަރަށް ބާލައިފައެވެ. އަދި ވެސް ބޯޓުގައި ގިނަ އަދަދެއްގެ ލަކުޑި ހުރުމާއެކު ބޯޓުގައި ފަލްކާތަކާއި އިންޖީން ރޫމުގައި އަށް ފޫޓަށް ހެދިފައިވާ ދިޔަގަނޑު ވަނީ އަޑި ނުވެއެވެ.
ރާއްޖޭގެ އުތުރުގައި ދަތުރުކުރާ އެންމެ ބޮޑު ބޯޓު، ހަތް މިލިޔަން ރުފިޔާގެ އަގުހުރި ބަހާދަރު ވަނީ މީގެ 80 ދުވަސް ކުރިން މިއަހަރުގެ ސެޕްޓެމްބަރު 21 ވަނަ ދުވަހު ވެސް ވަރަށް ގިނަ އަދަދެއްގެ މުދަލާއި 101 މީހުންނާއެކު އަޑިއަށް ގޮސްފައެވެ. އެ ފަހަރު ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނެވެ.
ބަހާދަރު ދުއްވަން ފެށީ 2007 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ގަ އެވެ. މީގެ ކުރިން ވެސް އެ ބޯޓު ވަނީ ރޭގަނޑެއްގައި ފަޅަށް ވަންނަނިކޮށް ކުޅުދުއްފުށީ އުތުރު ފަރާތުގެ ފައިކަށީގައި ބީހި އަޑިއަށް ގޮސްފައެވެ. އެހެން ކަމުން މިއީ ކުޅުދުއްފުށީ ފަޅުގެ ތެރެއަށް ބަހާދަރު އަޑިޔަށްދިޔަ ތިން ވަނަ ފަހަރެވެ.
(ބަހާދަރު އަޑިއަށް ދިޔަ ހާދިސާގެ ފޮޓޯ ލިބިފައިވާ ފަރާތްތަކުން 2747 އަށް އެމްއެމްއެސް ކުރެއްވުން އެދެން)