ތައިލެންޑްގައި އަންނަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ޕާލަމެންޓްރީ އިންތިހާބު ބޮއިކޮޓްކުރާނެ ކަމަށް އެގައުމުގެ އިދިކޮޅު ޑިމޮކްރޭޓް ޕާޓީ އިން ބުނެފި އެވެ.

ބެންކޮކްގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ޑިމޮކްރޭޓް ޕާޓީގެ ލީޑަރު އާބިސިތު ވަޖްވަޖީވާ ވިދާޅުވި ކަމަށް ބީބީސީ ބުނީ އިންތިހާބުގައި އެޕާޓީން ބައިވެރިނުކުރާނެ ކަމަށެވެ.

"ތައިލެންޑްގެ ސިޔާސީ މަޝްރަހު މިހާރު އޮތީ ފެއިލް ވެފައިވާ ހާލަތެއްގައި. ޑިމޮކްރެޓިކް ސިސްޓަމާ މެދު ތައިލެންޑް މީހުންގެ އިތުބާރު މިހާރު ވަނީ ގެއްލިފައި،" އިންތިހާބުގައި ކެންޑޭޓުން ބައިވެރި ނުކުރަން ނިންމި ސަބަބާ ބެހޭ ގޮތުން އާބިސިތު ވިދާޅުވި ކަމަށް ބީބީސީ ބުންޏެވެ.

ތައިލެންޑްގައި އިންތިހާބު ބޭއްވުމަށް އެގައުމުގެ ބޮޑުވަޒީރު ޔިންލަކް ޝިނަވަޓްރާ ގޮވާލެއްވީ މިމަހުގެ ކުރީކޮޅުގަ އެވެ. އިންތިހާބު ބޭއްވުމަށް އޭނާ ގޮވައިލެއްވީ ތައިލެންޑްގައި ބާއްވަމުން އަންނަ ބޮޑެތި މުޒާހަރާތަކަށް ނިމުމެއް ގެންނެވުމުގެ ބޭނުމުގަ އެވެ.

ތައިލެންޑްގެ ސިޔާސީ ހަމަނުޖެހުންތައް އަހުލީ ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ އިންޒާރު އެގައުމުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ޕުރަޔުތު ޗާން އޯޗާ މިހާރު ވަނީ ދެއްވާފަ އެވެ. ސިޔާސީ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ޓަކައި ދެފަރާތުގެ ވެސް ސިޔާސީ ލީޑަރުންގެ ބަދަލުގައި އާއްމުން ބައިވެރިވާ އެސެމްބްލީއެއް އުފެއްދުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.