ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކު)ގެ އެސޯސިއޭޝަން އޮފް ސްޕީކާސް އެންޑް ޕާލިއަމަންޓޭރިއަންސްގެ ރިޔާސަތާ ރާއްޖޭގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ހަވާލުވެވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު އޮތް ސާކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ ބައްދަލުވުން ނުވަތަ ސާކު ސްޕީކާސް ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖެއަށް އެ ޖަމިއްޔާގެ ރިޔާސަތު ހަވާލުކޮށްދެއްވީ މިދިޔަ އަހަރުގެ ޖަމިއްޔާގެ ރިޔާސަތު ބަލަހައްޓާފައިވާ ޕާކިސްތާނުގެ ފަރާތުން އެ ގައުމުގެ ނެޝަނަލް އެސެމްބްލީގެ ރައީސް ސަރުދާރު އާޔަޒް ސާދިގެވެ.

ސާކު އެސޯސިއޭޝަން އޮފް ސްޕީކާސް އެންޑް ޕާލިއަމަންޓޭރިއަންސްގެ ހިންގާ ގަވާއިދުގައިވާ ގޮތުން އެ ޖަމިއްޔާގެ ރިޔާސަތު ބަލަހައްޓާނީ އެ އަހަރަކު ޖަމިއްޔާގެ ބައްދަލުވުން ބާއްވާ ގައުމުންނެވެ.

މިއަދު އެ ޖަމިއްޔާގެ އަންހެނުންގެ ކޮމިޓީ އަދި ސެކެޓްރީ ޖެނެރަލުންގެ ކޮމިޓީގެ ރިޔާސަތާ ވެސް ރާއްޖޭގެ ފަރާތުން ވަނީ ހަވާލުވެފަ އެވެ.

މިއީ ރާއްޖެއިން އެ ޖަމިއްޔާގެ ރިޔާސަތާ ހަވާލުވި ފުރަތަމަ ފަހަރެވެ. ސާކު އެސޯސިއޭޝަން އޮފް ސްޕީކާސް އެންޑް ޕާލިއަމަންޓޭރިއަންސްއަކީ 1992 ވަނަ އަހަރު އުފައްދާފައިވާ ޖަމިއްޔާ އެކެވެ.

މިހާރު ރާއްޖޭގައި ކުރިއަށްދާ މި ޖަމިއްޔާގެ ބައްދަލުވުމުގައި ބައިވެރިވުމަށް ސާކުގެ ދެ ގައުމެއް ފިޔަވާ އެހެން ހުރިހާ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސުން ރާއްޖެ ވަޑައިގެންފައިވެ އެވެ. މިގޮތުން އިންޑިއާގެ ލޯކް ސަބާގެ ރައީސާ ޝްރީމަތީ މީރާ ކުމާރު، ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޗަމާލް ރާޖަޕަކްސާ، ބޫޓާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޖިގްމޭ ޝޫލްތިން ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.