21 Dec 2013, 15:59
ޗައިނާއަކީ މިހާރު ދުނިޔޭގައި ބޭސްފަރުވާއަށް އެންމެ ކުރިއަރާފައިވާ އެއް ގައުމެވެ. ގުވަނަވަންތައް ގުޅުވުމަށް އެގައުމުގައި މިއަހަރު އެކަނި ކުރި ސާޖަރީތަކުން ވެސް އެކަން އެނގެ އެވެ.
ޗައިނާގެ ބޭސްފަރުވާ މިހާބޮޑަށް ކުރިއެރީ ކީއްވެކަން އެގައުމުން މިހާރު ފެނިފައިވާ އާސާރީ ބައެއް ހެކިތަކުން އެނގެ އެވެ. އެގޮތުން އެގައުމުގައި މީގެ 2000 އަހަރު ކުރިން ފެށިގެން ބޭސްފަރުވާއާ ބެހޭ އިރުޝާދުތައް ލިޔެ ރައްކާކޮށްފައިވާކަން މިހާރު ވަނީ އެނގިފަ އެވެ.
މީގެ 2000 އަހަރު ކުރިން ބޭސްފަރުވާގެ އިރުޝާދުތައް ލިޔެފައިވާ އޮނުފަތިތަކެއް ޗައިނާގެ ހުޅަނގު ދެކުނުގެ ސީޗުއާން ޕްރޮވިންސްގެ ވެރިރަށް ޝޭންގްޑޫ އިން ކަމަށް ޗައިނާ ޑެއިލީ ނޫހުން ބުންޏެވެ. އަލަށް ފެނުނު ފަތިތަކަކީ އީސާގެފާނުގެ 202 އަހަރު ކުރިން ފެށިގެން މީލާދީން ނުވަ ވަނަ ގަރުނާ ހަމައަށް ޗައިނާގައި ވެރިކަން ކުރި ހާން ދަރިކޮޅުގެ ލިއުންތަކެއް ކަމަށް ވެސް އެނޫސް ބުންޏެވެ.
އޮނުފަތިތަކުގައި ލިޔެފައިވާ ބައެއް ފަރުވާގެ ތެރޭގައި ބޮލުގައި ރިހުމަށް މިރުސް ބޭނުންކުރުމާއި ރީނދޫވާ ބައްޔަށް ގެރީގެ ކުޑަކަމުދާ ތަކެތި ބޭނުން ކުރުން ހިމެނެ އެވެ.