21 Dec 2013, 15:23
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީން 18.2 ބިލިއަން ރުފިޔާއަށް ބޮޑު ކުރި އަންނަ އަހަރުގެ ބަޖެޓް، 17.77 ބިލިއަން ރުފިޔާ އަށް ކުޑަކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށައެޅި 17.5 ބިލިއަން ރުފިޔާ ބަޖެޓް 18.2 އަކަށް ބޮޑުކުރުމަށް ނިންމުމަށް ފަހު، މިއަދު ވަނީ އެ ބަޖެޓުން 246 މިލިއަން ރުފިޔާ އުނިކޮށްފަ އެވެ. އެ ފައިސާ އުނިކުރުމާ އެކު އަންނަ އަހަރުގެ ބަޖެޓް ވަނީ 17.776 ބިލިއަން ރުފިޔާއަށް ކުޑަވެފަ އެވެ.
މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެން ކުރިއަށް ގެންދާ ބަޖެޓް ކޮމެޓީން އަންނަ ހަރުގެ ބަޖެޓަށް ގެނައި އިސްލާހުތައް "ސަން"އާ ހިއްސާ ކުރެއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.
ރިޔާޒް މިއަދު ވިދާޅުވީ ސަރުކާރުން ހުށައެޅި ބަޖެޓް ބޮޑުކުރުމަށް ފަހު އެބަޖެޓް ކުޑަކުރުމަށް މިއަދު ބަޖެޓް ކޮމެޓީން ނިންމީ ފިނޭންސް މިނިސްޓަރު ޖިހާދު އެ ކަމަށް އެދި ވަޑައިގަތުމުން ކަމަށެވެ. އަދި މިހާރު ނިންމާފައި ވަނީ ސަރުކާރުން ހުށަހެޅި 17.5 ބިލިއަން ރުފިޔާގެ ބަޖެޓްއަށް 276 މިލިއަން ރުފިޔާ އިތުރު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ އިތުރުކޮށްފައިވާ 276 މިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ މިނިވަން މުއައްސަސާތަކަށް އިތުރުކޮށްދިން 75 މިލިއަން ރުފިޔާ އާއި ރައްޔިތުންގެ މަޖިލީހަށް އިތުރުކުރި 40 މިލިއަނުގެ އިތުރުން އޮޑިޓް އޮފީހަށް އިތުރުކޮށްދިން 18 މިލިއަން ރުފިޔާ އާއި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް އިތުރުކޮށްދިން 50 މިލިއަން ރުފިޔާ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވީ 16.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އާ ސަރުކާރުން މަޖިލީހުގެ ބަޖެޓަށް ގެނައި އިސްލާހުތަކާ އެކު ބަޖެޓް ވަނީ 17.5 ބިލިއަނަށް ބޮޑުކޮށްފަ އެވެ.