21 Dec 2013, 15:14
ޖަޕާނުގެ އަސްކަރީ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އަސްކަރިއްޔާ ވަރުގަދަ ކޮށް ދިފާއީ ބަޖެޓު ބޮޑު ކުރާން އެ ގައުމުން ނިންމި ނިންމުމަށް ޗައިނާ ސަރުކާރުން ފާޑު ކިޔައިފި އެވެ.
ޗައިނާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ގެންގް ޔަންޝެންގް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޖަޕާނުގެ އާ ސިޔާސަތުގެ ސަބަބުން ސަރަހައްދުގައި ނުތަނަވަސްކަން އިތުރު ވެގެން ދާނެ ކަމަށެވެ.
"ޖަޕާނުން މިހާރު އަމަލު ކުރަމުންދާ ގޮތާ މެދު ޗައިނާ އޮތީ ވަރަށް ބޮޑަށް ނުރުހި." ޔަންޝެންގްގެ ބަޔާނުގައި ވެއެވެ.
ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ ޒިންހުއާގެ ރިޕޯޓު ބުނާ ގޮތުގައި، ޖަޕާނުގެ މަގުސަދަކީ އަސްކަރީ ބާރު ފެތުރުން ކަމަށް ވެސް ޔަންޝެންގް ތުހުމަތު ކުރައްވައިފައިވެ އެވެ. އޭނާގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ޖަޕާނުގެ ގައުމީ ސަލާމަތަށް ނުރައްކާ ވެފައި ވާ ކަމަށް ވިދާޅުވެ އެ ގައުމުގެ ވެރީން ދައްކަވާ ވާހަކަތަކަކީ އަސްކަރީ ބާރު ފުޅާކޮށް ފެތުރުމަށް ޓަކައި ދައްކަވާ ބަހަނާއެއް ކަމަށެވެ.
ޖަޕާނުގެ އަސްކަރީ ބާރު ވަރުގަދަ ކުރުމަށް ނިންމި ނިންމުމާ މެދު ސަރަހައްދުގެ ގައުމުތައް ވަރަށް ބޮޑަށް ކަންބޮޑު ވާނެ ކަމަށް ވެސް ޗައިނާގެ ބަޔާނުގައިވެ އެވެ.
މި ދިޔަ ހަފުތާގެ ކުރީކޮޅު ޖަޕާނުގެ ކެބިނެޓުން ނިންމައިފައި ވަނީ ދިފާއީ ޚަރަދުތަކުގެ ބަޖެޓު ބޮޑު ކުރުމާ އެކު، ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި މީހުންނާ ނުލައި އުދުހޭ ޑްރޯނާއި،ރާޑަރަށް ނާރާ ވައްތަރުގެ އަސްކަރީ މަތިންދާބޯޓާއި، ފެނާއި ބިމުގައި ދަތުރުކުރާ އުޅަނދުފަހަރާއި، ހަނގުރާމަމަތީ ސަބްމެރީނާއި، މިސައިލާ ދެކޮޅަށްހަނގުރާމަ ކުރާ އުޅަނދުފަހަރާއި ހަނގުރާމަމަތީ މަތިންދާބޯޓުގެ ބޮޑުސްޓޮކެއް ގަނެ، ގައުމުގެ އަސްކަރީ ބާރު އިތުރަށް ވަރުގަދަ ކުރުމަށެވެ.
ޖަޕާނުގެ އަސްކަރީ ސިޔާސަތު މުރާޖައާ ކުރެވިފައި ވަނީ އިރުމަތީ ޗައިނާ ކަނޑުގައި އޮންނަ ޖަޒީރާތަކެއްގެ މިލްކުވެރިކަމަށް ޖަޕާނާއި ޗައިނާ ކުރާ ދައުވާގެ މައްސަލަ ހޫނު ވެފައި ވާ ދަނޑިވަޅެއްގަ އެވެ. އެ ޖަޒީރާތައް މިހާރު އޮންނަނީ ޖަޕާނުގެ ބާރުގެ ދަށުގަ އެވެ.
މީގެ ހަފުތާތަކެއް ކުރީން ޗައިނާ ސަރުކާރުން ވަނީ އެ ޖަޒީރާތައް އޮންނަ ތަން ހިމެނޭ ގޮތުން، އެ ސަރަހައްދުގައި ވައިގެ ދިފާއީ ޒޯނެއް ގާއިމު ކޮށްފައެވެ. ނަމަވެސް ޗައިނާއިން ކަނޑައެޅި ދިފާއީ ޒޯން ގަބޫލު ނުކުރާ ކަމަށް ބުނެ، ޖަޕާނުގެ އިތުރުން އެމެރިކާއިން ވެސް ވަނީ އެ ސަރަހައްދުގައި އަސްކަރީ މަތިންދާބޯޓުތައް އުދުއްސައިފައެވެ.
ޖަޕާނުގެ އަސްކަރިއްޔާ ކުޑަ ކޮށް، އަސްކަރީ ޚަރަދުތައް ވެސް ވީ އެންމެ ކުޑަމިންވަރެއްގައި ބަހައްޓާން ޖެހޭ ގޮތަށް އެ ގައުމުގެ ގާނޫނުއަސާސީއެކުލަވައިލައިފައި ވަނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހުގައެވެ. އަމްބަރާތޫރީ ޖަޕާނުން ގެންގުޅުނު ހަނގުރާމަވެރި ސިޔާސަތުތަކާ ދުރުހެލިވުމަށް ޓަކައި އަލަށް ތައާރަފު ކުރެވުނު ސިޔާސަތުތަކުގެ ދަށުންނެވެ. އެހެންކަމުން، ގައުމުގެ އަސްކަރިއްޔާ އިތުރަށް ތަރައްގީ ކުރުމަށް ޖަޕާނުން ނިންމި ނިންމުމަކީ ފަހުގެ ތާރީޚުގައި އެ ގައުމުން ގެންގުޅެމުން އައި އަސްކަރީ ސިޔާސަތަށް އައި އެންމެ ބޮޑު ބަދަލެވެ.
ސްވިޑްންގެ ސްޓޮކްހޯމުގައި ހުންނަ އިންޓަރނޭޝަނަލް ޕީސް ރިސާރޗް އިންސްޓިޓިއުޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖަޕާނަކީ ދުނިޔޭގައި އެމެރިކާ އާއި، ޗައިނާ އާއި، ރަޝިއާ އާއި، އިނގިރޭސިވިލާތަށް ފަހު، އަސްކަރިއްޔާއަށް އެންމެ ގިނައިން ޚަރަދު ކުރާ ގައުމެވެ. 2012ވަނަ އަހަރު އެ ގައުމުން އަސްކަރީ އަދި ދިފާއީ ކަންތައްތަކަށް 59.3ބިލިއަން ޑޮލަރު ޚަރަދު ކޮށްފައި ވެއެވެ.